Last Updated: July 8, 17:09
Wednesday, July 8, 2026
ޚަބަރު

ޝިފާއު 109 އަހަރަށް ޖަލަށް، 7 މިލިއަންގެ ޖޫރިމަނާއެއް

ވަގު ޓީޓީ ހަދައިގެން ރާއްޖޭން ބޭރުން މުދާ އެތެރެކުރުމުގެ މުއާމަލާތް ހިންގި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ޝިފާއުގެ މައްޗަށް ވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އަދި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާއެއް އުފުލާފަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މީގެކުރިން އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަތަކުގައި ޝިފާއުގެ މައްޗަށް ހުކުމް އިއްވާފައިވަނީ މިއަދެވެ.

އެގޮތުން ޝިފާއުގެ މައްޗަށްކުރި މަނީ ލޯންޑަރިންގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި އޭނާ 70 އަހަރަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވި އެވެ. މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި 30 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ސައްހަނޫން ލިޔުމެއް އުފެއްދިކަމުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއު ނުވަ އަހަރަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވި އެވެ.

ޖަލު ހުކުމުގެ އިތުރުން ޝިފާއު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.