Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ބީއެމްއެލް އިން ޔޫނިއަންޕޭއާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލް، ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން، ޔޫނިއަންޕޭ ކާޑު މެންބަރުންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން ރާއްޖޭގެ ތަފާތު މުހިންމު ކަންކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، ޔޫނިއަންޕޭ އިންވަނީ ބީއެމްއެލްއަކީ ޔޫނިއަންޕޭ ކާޑުތަކުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކްގެ ގޮތުގައި ހަމަޖައްސައިފައެވެ.

"މިފަދަ މުހިންމު ޕްރޮޖެކްޓެއްގައި ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިއީ އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް. ޔޫނިއަންޕޭ ކާޑުތަކުން ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކެއްގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ޕޭމަންޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމުގެ ރަމްޒެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ބޭންކުގެ ކާޑު މެޝިންތަކުންނާއި މާޗަންޓް ޕޯޓަލްގައި ޔޫނިއަންޕޭ ކާޑުތައް މިހާރުވެސް ބަލައިގަނެއެވެ. ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓާކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިންގ ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ.