Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ޢުމްރާ ފެށިގެން ނިޔަލަށް

ޢުމްރާ ކުރަން ބޭނުންވާ މީހަކު މީޤާތަށް ދިޔުމުން، އެމީހާ ހިނައިގަނެ، ސާފުތާހިރުވުން ސުންނަތްވެގެންވެއެވެ. އަންހެނުން ވެސް ޢަމަލު ކުރާނީ މިފަދައިންނެވެ. ޙައިޟުވެރިއަކަށް ނުވަތަ ނިފާސްވެރިއަކަށް ވީނަމަވެސްމެ އެވެ. ނަމަވެސް، ޙައިޟުވެރި ނުވަތަ ނިފާސްވެރި އަންހެނުންނަށް طواف ކުރެވޭނީ ސާފުވެ، ހިނައިގަތުމަށް ފަހުގަ އެވެ. ފިރިހެނުން މީރުވަސް ދުވާ ތަކެތި ބޭނު ންކުރާނީ އެމީހުންގެ ހަށިގަނޑުގައެވެ. އިޙްރާމްގެ ހެދުމުގައެއް ނޫނެވެ.

މީޤާތުގައި ހިނައިގަންނަން ފުރުސަތު ނުލިބުނު ނަމަ، އެއީ މައްސަލައެއް ނޫނެވެ. އަދި މައްކާއަށް ދިޔުމަށްފަހު طواف ކުރުމުގެ ކުރިން ހިނައިގަތުން ސުންނަތްވެގެންވެއެވެ، އެއީ އެކަމަށް ފަސޭހަވެއްޖެނަމަ އެވެ.

ފިރިހެނުން ފަހާފައި ހުންނަ ފޭރާންލުމުން ދުރުހެލިވާން ވާނެ އެވެ. ފިރިހެނުންގެ އިޙްރާމަކީ، އިޒާރަކާއި ރިދާއެއް އަ އެވެ. މި ދެ ފޭރާމަކީ ހުދުކުލައިގެ ސާފުތާހިރު ދެފޭރާމަށްވުން ސުންނަތްވެގެންވެ އެވެ. އަންހެނުން އިޙްރާމް ބަންނާނީ އެ މީހުންގެ އާދައިގެ ހެދުމުގައެވެ.

އެއީ ޒީނަތްތެރިކަން ހުރި ނުވަތަ ދެއްކުންތެރިކަން ހުރި ހެދުމަކަށްވެގެން ނުވާނެއެވެ. ޢުމުރާ އަދާކުރުމަށްޓަކައި، ފުރަތަމަ އޭނާގެ ހިތުން ނިޔަތް ގަންނަންވާނެއެވެ. އަދި ދުލުން "لَبيك عمرة" ނުވަތަ "اللهم لبيك عُمْرَة" މިފަދައިން ކިޔަންވާނެއެވެ.

އިޙްރާމް ބަންނަ މީހަކަށް އޭނާގެ ޢުމްރާ ފުރިހަމަ ނުކުރެވޭނެކަމުގެ ބިރު ހީވާނަމަ މިސާލަކަށް އެއީ ބައްޔެއްގެ ސަބަބުން، ނުވަތަ ދުޝްމަނެއްގެ ބިރަށް، ނުވަތަ މިނޫންވެސް ސަބަބަކާ ހެދި ކަމުގައިވިޔަސް، އިޙްރާމް ބަންނައިރު ޝަރުޠެއް ކުރުން އެއީ ޝަރުޢީ ގޮތުން ހުއްދަ ކަމެކެވެ. އެގޮތުން ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

(هَل تَستَثني إذا حَجَجتَ؟ فقُلتُ لها: ماذا أقولُ؟ فقالت: قُل: اللَّهُمَّ الحَجَّ أرَدتُ، ولَهُ عَمَدتُ، فإن يَسَّرتَهُ فهو الحَجُّ، وإن حَبَسَني حابِسٌ فهو عُمرةٌ.) (النووي، المجموع للنووي (٨/٣٠٩)، إسناده صحيح على شرط الشيخين، أخرجه ابن حزم في ((المحلى بالآثار)) (٥/ ١٠٦)، والبيهقي (١٠٢١٢) كلاهما بلفظ مقارب، وابن أبي شيبة (١٤٧٤٥) مختصرا)

މާނައީ: "ޙައްޖަށް ވަޑައިގަންނަވާއިރު، އިސްތިސްނާކުރައްވަމުތޯ؟" ފަހެ، ތިމަންނަ އެކަމަނާއަށް ދެންނެވީމެވެ. " އެފަދަ ޙާލަތެއްގައި ދަންނަވާނީ ކީކޭތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ކަމަނާ ވިދާޅުވާށެވެ. "ހައްދަވާބޮޑުކުރެއްވި ރަސްކަލާނކޮ! ތިމަންނަ ޙައްޖުކުރަން ގަސްދުކުރީމެވެ. އަދި އެކަމަށްޓަކައި ދަތުރުފެށީމެވެ. ފަހެ، އެކަން އިބަރަސްކަލާނގެ ފަސޭހަކޮށްދެއްވައިފިނަމަ، އެއީ ޙައްޖެވެ. އަދި އެއްވެސް ހުރަހަކުން ތިމަންނަ ހިފަހައްޓައިފިނަމަ، އެއީ ޢުމުރާއެވެ." ދެން އެއަށްފަހު رسول الله صلى الله عليه وسلم ވިދާޅުވި ތަލްބިޔާ ކިޔާނީއެވެ. އެއީ (لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك، لا شريك لك) މި ތަލްބިޔާ އާއި މާތް ﷲ ހަނދުމަ ކުރުމާއި ދުޢާ ކުރުން ގިނަކުރާނީ، ކަޢުބާ އާއި ހަމައަށް، އެބަހީ ބައިތުލް ޙަރާމަށް ދެވުމާ ހަމައަށެވެ.

ބައިތުލް ޙަރާމަށް (ޙަރަމްފުޅަށް) ދެވުމުން، މިސްކިތަށް ވަންނައިރު ކަނާތް ފައި އިސްކޮށް މި ދުޢާ ކިޔާނީއެވެ.

(بسم الله والصلاة والسلام على رسول الله أعوذ بالله العظيم وبوجهه الكريم وسلطانه القديم من الشيطان الرجيم اللهم افتح لي أبواب رحمتك.)

އެބަހީ:" މާތް ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ. ރަސޫލާ صلى الله عليه وسلم އަށާއި، އެކަލޭގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. ރަޙްމަތުން ދުރުކުރެވިފައިވާ ޝައިޠާނާގެ ނުބައިކަމުން، މާތް ﷲގެ މަތިވެރިކަމާއި، އެކަލާނގެ މާތް ވަޖުހުފުޅާއި، އެކަލާނގެ ދާއިމީ ބާރުވެރިކަމުގެ ޒަރީޢާއިން ރައްކާތެރިކަމަށް އެދި ދުޢާކުރަމެވެ. އަޅަމެންނަށް އިބަރަސްކަލާނގެ ރަޙްމަތުގެ ދޮރުތައް ހުޅުއްވައިދެއްވާށިއެވެ." المسجد الحرام ދެވުމުން ތަލްބިޔާ ކިޔުން ހުއްޓާލާނީ އެވެ. ދެން الحجر الأسود ގެ ކައިރިއަށް ގޮސް، الحجر الأسود އަށް ކުރިމަތިލައި ތިމާގެ ކަނާތުގެ އިޝާރާތުން ސަލާމްކޮށްލާނީ އެވެ. އަދި ފުރުޞަތު ތަނަވަސްވެގެންވާނަމަ، ބޮސްދޭނީއެވެ. މީސްތަކުންނަށް އުނދަގޫކޮށް، ފިތިބާރުވެގެން ނުވަތަ ކޮއްޕާ ހަދައިގެން މިކަންކުރުމެއް ނުވެއެވެ. އަދި އިޝާރަތް ކުރަމުން ކިޔާނީ (بسم الله والله أكبر) މިފަދައިންނެވެ. ބޮސްދިނުން އުނދަގޫވެއްޖެނަމަ، އަތުން ނުވަތަ ދަނޑިކޮޅަކުން ނުވަތަ އެފަދަ އެއްޗަކުން އިޝަރާތްކޮށްލާނީ އެވެ. الحجر الأسود އަށް އިޝާރާތްކޮށްފައި ކިޔާނީ (الله أكبر) މިފަދައިންނެވެ.

ޠަވާފް ޞައްޙަވުމަށްޓަކައި، ޠަވާފްކުރާ މީހާ ކުޑަ ޙަދަޘުންނާއި ބޮޑު ޙަދަޘުން ޠާހިރުވެފައިވުން ޝަރުޠުވެއެވެ. ސަބަބަކީ، ޠަވާފަކީ ނަމާދާ އެއްފަދަ އަޅުކަމެކެވެ. ނަމަވެސް، ޠަވާފުކުރާއިރު ވާހަކަ ދެއްކުމަށް ހުއްދަ ދެވިފައިވެއެވެ. ކަޢުބާ ވާތްފަރާތަށް ވާނެހެން ބަހައްޓައިގެން ހަތް ފަހަރު ޠަވާފުކުރާނީއެވެ. الركن اليماني އާ ހަމަވާ ހިނދު، ފަސޭހަ ނަމަ، އޭނާގެ ކަނާތުން އެތަނުގައި ފިރުމާލާނީއެވެ. އަދި (بسم الله والله أكبر) މިހެން ކިޔާނީއެވެ. އެތަނުގައި ބޮސްދިނުމެއް ނުވެއެވެ. އެތަނުގައި ފިރުމާލުމަށް ދަތިނަމަ، އެކަން ދޫކޮށްލައިފައި ޠަވާފު ކުރިއަށް ގެންދާނީއެވެ. އަދި އެތަނަށް އިޝާރާތް ކުރުމެއް ނުވަތަ ތަކްބީރު ކިޔުމެއް ނުވެ އެވެ. ސަބަބަކީ އެކަން ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން ރިވާވެފައި ނުވާތީ އެވެ.

ކުރިން ބަޔާންކުރި ފަދައިން، ކޮންމެ ފަހަރަކު الحجر الأسود ހަމަވާ އިރު، އެތަނުގައި ފިރުމާލާފައި ބޮސްދޭނީއެވެ. އެގޮތަށް ނުކުރެވޭ ނަމަ، އެތަނަށް އިޝާރާތް ކޮށްފައި ތަކްބީރު ކިޔާނީއެވެ. ޚާއްސަކޮށް ފިރިހެނުން، ޠަވާފުލް ޤުދޫމްގެ ފުރަތަމަ ތިން ބުރުގައި ރަމަލް ކުރުން މުސްތަޙައްބުވެގެންވެއެވެ. ރަމަލަކީ ކައިރިކައިރިން ފިޔަވަޅު އަޅައިގެން އަވަހަށް ހިނގުމެވެ. އަދި ފިރިހެނުންނަށް ޠަވާފުލް ޤުދޫމްގެ ހުރިހާ ބުރެއްގައި އިޟްޠިބާޢު ކުރުން މުސްތަޙައްބުވެގެންވެ އެވެ. އިޟްޠިބާ ޢަކީ، އޭނާގެ ރިދާގެ މެދު އޭނާގެ ކަނާތު ކޮނޑުދަށަށް ލައި، ދެކޮޅު ވާތު ކޮނޑުމަތީގައި ބެހެއްޓުމެވެ. ހުރިހާ ބުރެއްގައި ވެސް ފަސޭހަވާ މިންވަރަކަށް ވީހާ ގިނަގިނައިން ޛިކުރު ކުރުމާއި ދުޢާ ކުރުން މުސްތަޙައްބުވެގެންވެ އެވެ.

ޠަވާފު ކުރާ ހިނދު ޚާއްސަ ދުޢާއެއް ނުވަތަ ޚާއްސަ ޛިކުރެއް ކަނޑައެޅިފައެއް ނުވެއެވެ. އެހެނެއްކަމަކު، ލުއިފަސޭހަ ގޮތަކަށް ކުރެވޭ ދުޢާތަކާއި ޛިކުރުތަކުން މާތް ﷲ އަށް ދުޢާކޮށް ޛިކުރު ކުރެވޭނެއެވެ. އަދި ކޮންމެ ބުރެއްގައި ވެސް ދެ ރުކުނުގެ ދެމެދުގައި، (رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) މި ދުޢާ ކިޔުމަކީ ރަސޫލާގެ އަރިހުން ސާބިތުވެފައިވާ ކަމެކެވެ. ހަތްވަނަ ބުރުގައި، الحجر الأسود ގައި ބޮސްދެވޭނެ ނަމަ އެގޮތަށް ކުރުމާއެކު، ނުވަތަ އެއަށް އިޝާރާތްކޮށް ތަކްބީރު ކިޔުމަކީ، މީގެ ކުރިން ބަޔާންކުރެވުނު ތަފްޞީލާ އެއްގޮތަށް ކުރަން ޖެހޭ ކަމެކެވެ.

މި ޠަވާފުން ފިރިހެނަކު އަވަދިވެވުމަށްފަހު، އެމީހާގެ ރިދާ ކޮނޑުގަނޑުމަތީގައި އަޅައި، ދެކޮޅު މޭމައްޗަށް ވާގޮތަށް ލާންވާނެއެވެ. ދެން އިބުރާހީމުގެފާނުގެ މަޤާމުގެ ފަހަތުގައި ދެ ރަކުޢަތް ނަމާދު ކުރާނީ އެވެ. އެކަން ފަސޭހަ ނުވެއްޖެ ނަމަ، މިސްކިތުގެ އެހެން ކޮންމެ ތަނެއްގައި ވެސް އެ ނަމާދުކުރެވިދާނެއެވެ. އެ ދެ ރަކުޢަތުގައި سورة الفاتحة އަށް ފަހު ފުރަތަމަ ރަކުޢަތުގައި سورة الكافرون އަދި ދެވަނަ ރަކުޢަތުގައި سورة الإخلاص ކިޔުމަކީ އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ. އެނޫން ސޫރަތެއް ކިޔަސް މައްސަލައެއް ނެތެވެ.
ދެން ސަޢުޔު ކުރަންދާނީ ސަޢުތު ކުރުމަކީ ޞަފާ ފަރުބަދައިން މަރުވާ ފަރުދައަށް މަރުވާ ފަރުދައިން ޞަފާ ފަރުބަދަށް ހިނގުމެވެ. ކޮންމެ ބުރެއްގައި ވެސް ފަރުބަދަ މަތީގައި މަޑުކޮށްލަންވާނެއެވެ. އަދި ކީރިތި ޤުރްއާނުގެ މި ބަސްފުޅު ކިޔަވަންވާނެއެވެ.

﴿إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ﴾‏

މާނައީ: "ހަމަކަށަވަރުން، صفا އާއި مروة ވަނީ اللَّه ގެ شعائر (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ" (އަލްބަޤަރާ: 158) އަދި ޤިބްލައަށް ކުރިމަތިލައި، ﷲ ތަޢާލާއަށް ޙަމްދުކޮށް، ތަކްބީރު ކިޔައި، މި ޛިކުރު ކިޔުން މުސްތަޙައްބުވެގެންވެއެވެ.

(لا إله إلا الله والله أكبر، لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير، لا إله إلا الله وحده أنجز وعده ونصر عبده وهزم الأحزاب وحده")

ދެން އަތް މައްޗަށް ނަގައިގެން ފަސޭހަވާ ގޮތަކަށް ދުޢާކުރާނީއެވެ. މި ޛިކުރު ކިޔުމާއި ދުޢާ ކުރުން ތިން ފަހަރު ތަކުރާރުކުރާނީއެވެ. ދެން ފައިބައިގެން މަރުވާއަށް ދާން ހިނގައިގަންނާނީއެވެ. ފުރަތަމަ ފާހަގަކުރެވިފައިވާ ތަނާ ހަމައަށް ދެވުމުން، ދެވަނަ ފާހަގައާ ހަމައަށް ދިއުމަށްޓަކައި ފިރިހެނުން ހިނގުން އަވަސްކުރަންވާނެއެވެ. ނަމަވެސް އަންހެނުންނަށް ހިނގުން އަވަސްކުރުން ޝަރުޢު ކުރެވިގެންނެއް ނުވެއެވެ. ދެން މަރުވާ ފަރުބަދައަށް އަރާނީ ނުވަތަ އެތާ ހުއްޓި ހުންނާނީއެވެ. ފަސޭހަ ނަމަ އަރައި ހުރުން ރަނގަޅެވެ. ޞަފާ ފަރުބަދައިގައިކީ ދުޢާތަކާއި ޛިކުރުތައް މަރުވާގައިވެސް ކިޔާނީއެވެ.

ދެން ފައިބައިގެން، އާދަކޮށް ހިނގަންޖެހޭ ތަންތަނުގައި ހިނގާނީއެވެ. އަދި އަވަސްކު ރަން ޖެހޭ ތަންތަނުގައި އަވަސް ކުރާނީ އެވެ. މިގޮތަށް މިކަންތައް ހަތް ފަހަރު ތަކުރާރު ކުރާނީއެ ވެ. އެބަހީ ޞަފާއިން މަރުވާއަށް ދިއުމަކީ އެއް ފަހަރު އަދި މަރުވާއިން ޞަފާއަށް އައުމަކީ އެއް ފަހަރެވެ.

ސަޢުޔު ކުރާ ނަމަ، ސަވާރީއެއްގެ މަތީގައި ކުރުމަކީ ހުއްދަ ކަމެކެވެ. ޚާއްޞަކޮށް ބޭނުންތެރި ޙާލަތްތަކުގައި (މިސާލަކަށް ބަލިވުން ނުވަތަ ނުކުޅެދުންތެރިކަން ހުރުން ފަދަ ޙާލަތްތަކުގައި) އެވެ. ސަޢުޔު ކުރަމުންދާ އިރު ގިނަގިނައިން ޛިކުރުކޮށް ދުޢާކުރުން މުސްތަޙައްބުވެގެންވެ އެވެ. އަދި ކުޑަ ޙަދަޘާއި ބޮޑު ޙަދަޘުން ޠާހިރުވެގެން ހުރުން މުސްތަޙައްބުވެ އެވެ. ސަޢުޔު ނިމުމުން ފިރިހެނުން ބޯ ބާލާނީ އެވެ. ނުވަތަ ކުރުކުރާނީ އެވެ. އެންމެ ރަނގަޅު ގޮތަކީ ބޯ ބޭލުމެވެ.

ނަމަވެސް، ހައްޖުގެ ވަގުތާ ގާތްވެފައި ވަނިކޮށް މައްކާއަށް އައިސްފައިވާ ނަމަ، އޭނާ އަށް ރަނގަޅީ އިސްތަށިގަނޑު ކުރުކުރުމެވެ. އެއީ ހައްޖުގެ ތެރޭގައި މުޅި އިސްތަށިގަނޑު ބޭލުމަށްޓަކަ އެވެ.

އަންހެނުންނަށް ލާޒިމްވަ ނީ އެ މީހުންގެ އިސްތަށިގަނޑުގެ ކުރިން އިސްތަށިކޮޅެއް ކަނޑާލުމެވެ. މަތީގައި ބަޔާން ކުރެވުނު ކަންތައްތައް އިޙްރާމް ބަނދެގެން ހުރި މީހާ ކުރުމުން، އޭނާގެ ޢުމްރާ ފުރިހަމަވީ އެވެ. އަދި އިޙްރާމް ބަނދެގެން ހުރުމުގެ ސަބަބުން އޭނާއަށް ޙަރާމްވެފައިވާ ހުރިހާ ކަމެއް ޙަލާލު ވާނެ އެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.