Last Updated: July 8, 17:40
Wednesday, July 8, 2026
ޚަބަރު

އެމްޑީޕީ ކައުންސިލް ޕްރައިމަރީ އަންނަ މަހު 30 ގައި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހު30ގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން ވަނީ މިދިޔަ އޮގަސްޓް މަހު ފަހުކޮޅު އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ބެލުމަށް އިއުލާނެއްކޮށްފަ އެވެ.

އެމްޑީޕީން މިއަދު އާންމުކުރި ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް މި މަހުގެ 23 ގައި އިއުލާންކުރާނެ އެވެ. އަދި އަންނަ މަހުގެ 8 ވަނަ ދުވަހު ދާއިމީ ވޯޓާސް ލިސްޓް އާންމުކުރާނެ އެވެ.

ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 14:30 އިން ރޭގަނޑު 20:00 އާއި ހަމައަށެވެ.

އެމްޑީޕީން ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ތެރެއިން އެންމެ ވާދަވެރިކޮށް ފެންނަނީ މާލޭ ސިޓީގެ މޭޔަރު ޕްރައިމަރީ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.