މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރަލާއި މަސްތުވާތަކެތި ހޯދައި އިންޑިއާގެ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 15 ގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ޓިނޯ ގަނެސަން، 27، އާއި އަރުޖުން ކުއްޕަން، 2، ގެ އިތުރުން އަނީޝް ޕުޝްޕަކަރަން، 33، އެވެ.
ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ އިރު އެ އެޕާޓްމަންޓްތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ 3 ފުޅި އަދި 12 ޓައްޕު ފެނިފައިވެ އެވެ. އަދި މަސްތުވާތަކެ ތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތިން މީހުން ވެސް ޑީޕޯޓް ކުރުމަށްޓަކައި މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.