ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް، ހޮވާނެކަމުގެ އުއްމީދު ބޮޑު ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް މުޢިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 ޕަސެންޓް މީހުން ހިތްހަމަޖެހޭކަން ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ދެއްކުމާ ގުޅިގެންނެވެ.
އެކަމާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލް އެއް 'އެކްސް' ގައި ހިއްސާކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އަދި ރައީސް މުޢިއްޒު ރާއްޖޭގެ ކުރިމަގާ މެދު ގެންގުޅުއްވާ ތަޞައްވުރާއި، މިހާތަނަށް ގެންނަވާފައިވާ ހެޔޮ ބަދަލުތަކަށް ރިޢާޔަތް ކުރާއިރު، ދެ ވަނަ ދައުރަކަށް ރައްޔިތުން އެމަނިކުފާނު ހޮވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"އެއީ ރާއްޖޭގެ ކުރިމަގަށް ވެސް އޮތް އުންމީދެއް" މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވި އެވެެ.
ސާވޭގެ ނަތީޖާ ނެރެފައިވަނީ ރެންޑަމް ފޯން ކޯލް މެދުވެރިކޮށް އިންޓަވިއު ކޮށްގެންކަމަށް ބާނިއިން ބުންޏެވެ. އެގޮތުން 391 މީހަކާ ސުވާލުކޮށް، ބައިނަލްގައުވާމީ ޕޯލިން މިންގަނޑުތަކާ އެއްގޮތަށް ސާވޭކޮށްފައިވާކަން ބާނިއިން ފާހަގަކޮށްފައިވެއެވެ.
ސާވޭގެ ނަތީޖާއިން ދައްކާގޮތުގައި ރައީސް މުއިއްޒަށް ގިނައިން ތާއިދު ކުރަނީ އަންހެނުންނެވެ. ސާވޭގައި ބައިވެރިވި އަންހެނުންގެ ތެރެއިން 64 ޕަސެންޓް އަންހެނުން ވަނީ ރައީސްގެ މަސައްކަތްޕުޅާ މެދުގައި ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އަދި ފިރިހެނުންގެ 60 ޕަސެންޓް ސަޕޯޓް ރައީސަށް ލިބިފައިވާ ކަމަށް ނަތީޖާގައި ވަނީ ބަޔާންކޮށްފައެވެ.