Last Updated: July 8, 18:15
Wednesday, July 8, 2026
ޚަބަރު

އަލީ އާޒިމްގެ މޭޔަރުކަމުގައި މާލެ ބަދަލުވާނެ: ނަޝީދު

އަލީ އާޒިމްގެ މޭޔަރުކަމުގައި ވެރިރަށް މާލެ ބަދަލުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ފޯރިވަނީ ގަދަވެފަ އެވެ. އެގޮތުން މި ޕްރައިމަރީގައި އަލީ އާޒިމްއާ ވާދަކުރައްވަނީ މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި އަލީ އާޒިމްގެ ކެމްޕޭނު އިވެންޓެއްގައި ވަރަށް ކުރުކޮށް ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އާޒިމްގެ މޭޔަރު ކަމުގައި މާލެ ބަދަލުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިހާރު އޮތް ގޮތަށް މާލެ ދޫކޮށްފައި ބޭއްވެން ނެތް ކަމަށެވެ.

"މިއީ ކުރެވެން ނެތް ކަމެއްގެ ގޮތުގައި ދެކިގެން ފަހަށް ޖެހޭވަކަށް ވެސް ނެތް. އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންވެސް ހަމަ އުޅެން އޮތް ތަނަކީ މި ފަސްގަނޑު،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މާލޭ މޭޔަރު ޕްރައިމަރީގައި ނަޝީދުގެ ތާއީދު އަލީ އާޒިމަށް އޮތްއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދުކުރައްވާ ފަރާތްތަކުން ތިބީ އާދަމް އާޒިމްގެ ފަހަތުގަ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 30 ގަ އެވެ.