Last Updated: July 8, 18:15
Wednesday, July 8, 2026
ޚަބަރު

ހިޔާ ފްލެޓްގެ ކުލި އިތުރަށް ބޮޑުނުވާނެ ގޮތް ހަދައިދޭނަން

ވަކި މުއްދަތަކަށްފަހު ވެސް ހިޔާ ފުލެޓުގެ ކުލި އިތުރަށް ބޮޑުނުވާނެ ގޮތަށް އެއްބަސްވުންތައް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް ވީ ވައުދު ފުއްދުމުގެ ގޮތުން ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 200،000ރ. އުނި ކުރަން ނިންމާފަ އެވެ. އެއާއެކު ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984ރ. އެވެ. ނަމަވެސް ހަތް އަހަރު ފަހުން ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑުވާނެ އެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓު ލިބޭގޮތަށް އެގްރިމަންޓުތައް ބަދަލުކޮށްދިނުމަށް އެޗްޑީސީގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއެކު އަރާފައިވާ ބެކްލޮގްގެ ކަންކަން ބެލުމަށް ވެސް ހަވާލުކޮށްފައިވާ ކަމަށާއި ކުލީގެ ކަންކަމުގައި ރައްޔިތުން ފާހަގަކުރި ކަންތައްތައް ވެސް ވަރަށް ސީރިއަސްކަމާއެކު ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މަހުން މަހަށް ދައްކަންޖެހޭ ވަރު ހަމަ ކޮންމެ މަހަކުވެސް އެ އަޅުގަނޑު ވައުދުވެފައިވާ ވަރަށް ދެއްކޭނެ ގޮތަށް އެގްރިމަންޓު ބަދަލުކޮށްދޭނަން. މިހާރު ތި ވިދާޅުވާހެން އޮތީ ވަކި އަދަދަކަށް ދިޔައީމަ ހަތް އަހަރު ފަހުން ބޮޑުވާ ކަހަލަ ގޮތަކަށް ނޫނީއްޔާ ވަކި އަދަދެއް ވީމަ ބޮޑުވާ ކަހަލަ ގޮތަކަށް. އެހެންވީމަ އެ ނިޒާމަކީ ނޫނީ އެ ސިސްޓަމް ކަމަކުނުދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ހިޔާ ފުލެޓުގެ ކުއްޔަށް ދައްކަން ޖެހޭ އަދަދު އަދި ޖުމުލަ އަގުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ފުލެޓުތަކުގެ މަސައްކަތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގާފައިވާ ފަރާތްތަކަށް ލުއިދިން ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް އެ ލުއި ހޯއްދަވައިދެއްވުމަށް އެ ބޭންކާއި ވެސް މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.