ރާއްޖެ ސަލާމަތް ކުރަން ކޮންމެ މީހެއްގެ އަތުގައި ވެސް ހިފަން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ޒާތީ ކަމެއް ކުރަން ނޫޅޭ ކަމަށާއި މަސައްކަތް ކުރަނީ ރާއްޖެ އާއި ދިވެހިންގެ މުސްތަގުބަލު ސަލާމަތްކޮށް ދެމެހެއްޓުމަށް ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި ހިފަން ޖެހުނު ކޮންމެ މީހެއްގެ އަތުގައި އަޅުގަނޑުމެން ހިފާނަން އެ މަސައްކަތް ކުރުމަށްޓަކާ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ސަރުކާރު ޖަވާބުދާރީކުރުވަން އެއްޗެއް ވިދާޅުނުވުމަކީ މައްސަލައެއް ކަމަށާއި ސަރުކާރު ޖަވާބުދާރީކުރުވަން އިދިކޮޅުގައި ތިބި އެންމެން ބަސް ބުނަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ މާލޭ ސިޓީގެ ރައީސަކަށް ވެސް މިވަގުތު ހުންނެވީ މިހާރުގެ މޭޔަރު އާޒިމް ކަމަށްވާއިރު، އޭނާއަށް އެކަން ނުވި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ވޭތުވެދިޔަ ދޮޅު އަހަރުގައި އެމްޑީޕީގެ މާލޭ ސިޓީއަށް ކީއްތޯވީ. ކިތައް މެމްބަރުން އިތުރުވިތޯ، ކިތައް ޖަލްސާ ބޭއްވުނުތޯ، ނުވޭ. ދެން ވިދާޅުވެދާނެ އެއްކަލަ ނާގާބިލު ރުންކުރު ޗެއާޕާސަން ހުރީމަ ނުވީއޭ. އަޅުގަނޑަށް ނުވީ، އެ ބޭފުޅާއަަކަށް ވެސް ނުވިއޭ. އެހެންވީމަ އެހެން ގޮތެއް އަޅުގަނޑުމެން ހޯދަންޖެހޭ. ކޮންމެހެން ވެސް ހޯދަން އެބަޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
މީގެއިތުރުން ފައްޔާޒު ވަނީ ރާއްޖެ އަނބުރާ ހޯދަން ބޭނުންވާނަމަ މާލޭގެ މޭޔަރު ކަމަށް އަލީ އާޒިމް ފަދަ ބޭފުޅެއް ބޭނުންވާ ކަމަށާއި އަލީ އާޒިމް މާލޭގެ މޭޔަރުކަމަށް އަތުވެއްޖެނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ރެޔަކު ވެސް ހަމަނިދި ނުނިދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 30 ގަ އެވެ.