އދ. ގެ އާންމު މަޖިލީހުން ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އަމާޒުކޮށް ހިންގާ "ޔޫއެން އޯޝަން ޑެކޭޑް" ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރަކަށް، ރާއްޖޭގެ ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.
"ޔޫއެން އޯޝަން ޑެކޭޑް" އަކީ 2021-2030 ރުގެ ނިޔަލަށް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅުކުރުމަށް އަމާޒުކޮށް އދ. އިން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.
މި މަސައްކަތްތައް ވިލަރެސްކޮށް ތަންފީޒުކުރުމުގެ ޒިންމާ އދ. އިން ހަވާލުކޮށްފައިވަނީ ޔުނެސްކޯގެ އިންޓަގަވަމަންޓަލް އޯޝަނޯގްރަފިކް ކޮމިޝަން އާއެވެ. މިއީ ދުނިޔޭގެ 152 ގައުމެއްގެ މައްޗަށް އެކުލެވޭ، ކަނޑުތަކުގެ ހާލަތު މެނޭޖްކޮށް ހަރުދަނާކުރުމުގެ ޒިންމާ އުފުލާ މުހިންމު އިދާރާއެކެވެ.
ޝައުނާ އައްޔަންކުރެވުނު އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑަކީ މި މަޝްރޫއުގެ މަސައްކަތްތައް ރޭވުމާއި، ބަލައި މޮނިޓަ ކުރުމުގެ އިތުރުން، ޔުނެސްކޯގެ އައިއޯސީ އަށް ބޭނުންވާ ފަންނީ މަޝްވަރާއާއި ލަފާ އެރުވުމަށް އެކުލަވާލާފައިވާ ބޯޑެކެވެ.
ބޯޑަށް މިފަހަރު އަލަށް އައްޔަންކުރީ 15 މެމްބަރެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުށަހެޅުނު 200 އަށް ވުރެ ގިނަ ނޮމިނޭޝަންތަކުގެ ތެރެއިން ހޮވުނު މެމްބަރުންނެވެ. ބޯޑުގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ.