ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ މީހުން ގަވާއިދަށް ފެއްތުމަށް އަންނަ އަހަރުގެ އެޕްރީލްގައި ފަށަން ނިންމައިފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަަމަވެފައިވާ ބިދޭސީންގެ ހުއްދަ ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަަލައިޒޭޝަން ޕްރޮގްރާމް"، އަންނަ މަހުގެ 1 އިން ފެށިގެން އޭޕްރީލް މަހުގެ 2 ދުވަހާ ހަމައަށް ހުޅުވާލާނެެެ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނެ ޝަރުތުތައް:
* ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން
* އެއްވެސް ސަބަބަކާހުރެ ބްލެކްލިސުޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން
* ރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން
* ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތްތަކީ އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަކަށް ނުވުން
* ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން
* އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން؛
* މިއަހަރުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން
މިނިސްޓްރީން ބުނީ ވަޒީފާދޭނެ ފަރާތެއް ހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒް ކުުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓްކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 1485 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން "ކުރަނގި" ގެ ނަމުގައި އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. ހޯމްލޭންޑް މިނިސްޓްރީން ބުނީ ބަޔޯމެޓްރިކްސް ދީފައި ނުވާ 509 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 202،000 ބިދޭސީންގެ މައުލޫމާތު ނަގައި އެ މައުލޫމާތުތައް ސިސްޓަމަށް އަޕްޑޭޓްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގަވާއިދާ ހިލާފުވެގެން ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖުމްލަ 9،691 ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.