ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ގާނޫނީ ވެރިކަމެއް ގާއިމުކުރުމަށްޓަކައި ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދައުރު ވަރަށް މުހިންމެވެ. ނަމަވެސް، ބައެއް ގައުމުތަކުގެ ސިޔާސީ މަސްރަހަށް ބަލާއިރު، ސިޔާސީ ބޭފުޅުން ހައްޔަރު ކުރުން ވަރަށް އާދައިގެ ކަމަކަށް ވެފައިވާކަން ފާހަގަ ކުރެވެ އެވެ.
ސިޔާސީ ބޭފުޅުން ހައްޔަރު ކުރުމަކީ ހަމައެކަނި އެ ބޭފުޅުންގެ މިނިވަންކަން ހިފެހެއްޓުން އެކަންޏެއް ނޫނެވެ؛ އެއީ ގައުމުގެ ހަމަޖެހުމާއި ތަރައްގީ އަށް ހުރަސް އަޅާ، ނުބައި ކަމެއްގެ ފެށުންކަން ގަބޫލު ކުރަން ޖެހެ އެވެ.
ރާއްޖޭގައި، ސިޔާސީ ހައްޔަރުގައި ތިބި ބޭފުޅުން ވަގުތުން ދޫކޮށްލަން ޖެހެ އެވެ. އެހެނީ، ގައުމުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ރައްޔިތުންގެ އަޑު އިއްވުމަށް، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް، އަދި ސަރުކާރުގެ މަސައްކަތްތަކަށް ފާޑުކިޔާ، އެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔެކެވެ. ޑިމޮކްރަސީގެ ތެރޭގައި، ސިޔާސީ ބޭފުޅުން ތިބެން ވާނީ މިނިވަންކަމާއެކު އެބޭފުޅުންގެ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންނެވެ. ހައްޔަރުކުރުމުގެ ސަބަބުން މިކަންކަމަށް ހުރަސް އެޅި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ދަށްވެ، ޑިމޮކްރަސީގެ އަސާސްތަކަށް ބުރޫއަރަ އެވެ.
ސިޔާސީ މީހުން ހައްޔަރުކުރާ ވެރިއަކަށް ގައުމު ހިންގަން ނޭނގޭނެ އެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކާއި، ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ހައްޔަރު ކުރުމަކީ ވެރިކަމުގެ ހަރުފަތްތަކުގައި ހުރި ނުކުޅެދުންތެރިކަމާއި، މައްސަލަތައް ހައްލުކުރުމުގެ ބާރު ނެތްކަން ހާމަކޮށްދޭ ކަމެކެވެ. ރަނގަޅު ވެރިކަމެއްގައި، ފާޑުކިޔުންތަކަށް އޮންނަންވާނީ ހުޅުވާލެވިފައެވެ. އަދި، ގައުމު ކުރިއެރުވޭނީ އިދިކޮޅު ފަރާތްތަކުގެ ހިޔާލުތަކަށް އިހުތިރާމުކޮށް، އެބޭފުޅުންނާ އެކު މަޝްވަރާކޮށްގެންނެވެ. ސިޔާސީ ބޭފުޅުން ހައްޔަރުކުރުމަކީ ވެރިކަމަށް ލިބޭ ލަދުވެތި ނިޝާނެކެވެ.
ޚާއްސަކޮށް، ޑިމޮކްރަޓިކު ވެރިކަމެއްގައި ސިޔާސީ ބޭފުުޅުން ހައްޔަރު ކުރުމަކީ ވެރިކަންކުރަން ނޭނގޭކަމުގެ އަލިގަދަ ހެއްކެކެވެ. ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ، ސިޔާސީ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، އެބޭފުޅުންގެ އަޑު ކަނޑުވާލުމަކީ މި އަސާސްތަކަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެފަދަ ކަމެއް ހިނގާ ނަމަ، ގައުމުގެ ޑިމޮކްރަޓިކް ނިޒާމުގެ ހައިބަތު ގެއްލި، ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ އަގު ވެއްޓިގެންދެ އެވެ.
އެހެންކަމުން، ސިޔާސީ ބޭފުޅުން ހައްޔަރުކުރުމުގެ ނުރައްކާތެރިކަން ދެނެގަނެ، އެފަދަ އަމަލުތައް ހުއްޓާލުމަކީ ގައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ ފުރުސަތު ދިނުމަކީ ޑިމޮކްރެޓިކް މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅެވެ. ސިޔާސީ ހައްޔަރުތަކަކީ ހަމައެކަނި ފަރުދީ މިނިވަންކަން ހިފެހެއްޓުމެއް ނޫނެވެ. އެކަމަކު އެއީ ގައުމުގެ މުސްތަގުބަލަށް އަސަރުކުރާ ނުބައިކަމެއްގެ ފެށުންކަން އަބަދުވެސް ހަނދާން ކުރަން ވާނެ އެވެ.