Last Updated: June 6, 19:23
Saturday, June 6, 2026
މުނިފޫހިފިލުވުން

އަކްޝޭ އާއި އަނީސްގެ ފިލްމަށް ވިދިއާ

ޑައިރެކްޓަރު އަނީސް ބަޒްމީއާ އެކު 15 އަހަރު ފަހުން އަކްޝޭ ކުމާރު މަސައްކަތް ކުރަން ހަމަޖެހިފައިވާ އާ ފިލްމުގެ ބަތަލާ އަކީ ވިދިއާ ބަލަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ފިލްމުގެ ޓީމުން ނުދިން ނަމަވެސް އަނީސް ވަނީ އަންނަ އަހަރުގެ ކުރީކޮޅު އަކްޝޭއާ އެކު ފިލްމެއްގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަކަން މި ހަފުތާގައި ކަށަވަރުކޮށް ދީފަ އެވެ.

އޭނަ ބުނީ އޭގެ ސްކްރިޕްޓް ވެސް މިހާރު އޮތީ ނިމިފައި ކަމަށެވެ.

މިއާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން އަކްޝޭއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ވިދިއާ އެވެ. ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ މި ދެ ތަރިން މީގެ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ "ހޭ ބޭބީ" އާއި "ބޫލް ބުލައްޔާ" އަދި "މިޝަން މަންގަލް" އެވެ.

އަނީސްއާ އެކު ވިދިއާ މަސައްކަތްކުރި ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ. އަކްޝޭ އާއި އަނީސް އެންމެ ފަހުން އެކީގައި މަސައްކަތްކުރީ 2011 ގެ "ތޭންކް ޔޫ" ގަ އެވެ. އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 2007 ގެ "ވެލްކަމް" އާއި 2008 ގެ "ސިންގް އިޒް ބްލިިންގް" ހިމެނެ އެވެ.