ކުރިއަށް އޮތް ގަޑިތަކުގައި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން މިގޮތަށް ބުނެފައިފާތީ ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން މިކަމަށް ސަމާލުވެ ފެންބޮޑުވެ ގެދޮރަށް ފެންވަދެ ދާނެ ކަމަށް ބަލައި ވެލިބަސްތާ ޖެހުމަށް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން މިހާރު ވަނީ އިލްތިމާސްކޮށްފައެވެ.
އެ ސެންޓަރުން މިއަދު ކުރި އިލްތިމާސްގައި ބުނެފައި ވަނީ، ބޯކޮށް ވާރޭ ވެހި ރަށު ތެރެ ފެންބޮޑުވެދާނެ ކަމަށް ސަމާލުކަންދީ، ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކްސް ތަކެތި ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އައްޑޫއަށް އިއްޔެރޭން ފެށިގެން ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން ހިތަދޫއަށް ކުރަމުންދާ ވިއްސާރާގައި ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
މިދިޔަ ޑިސެމބަރު މަހު އައްޑޫއަށް ކުރި ވިއްސާރާގައި ފޭދޫ އާއި މަރަދޫފޭދޫގެ 300އެއްހާ ގެއަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ އިރު ގެއްލުމުގެ އަގު 4 މިލިއަނަށްވުރެ ބޮޑުކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ޑިޒާސްޓަރ މެނޭޖްމަންޓުން ކުރި އިލްތިމާސްގައި ބުނެފައިވަނީ ގުގުރުމާ އެކު ވިއްސާރަ ކުރާ ނަމަ ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތުތަކަށް ރައްޔިތުން ސަމާލުވެ ތިބުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.