Last Updated: July 8, 19:21
Wednesday, July 8, 2026
ޚަބަރު

އަޅުގަނޑަކީ މިނިވަނެއް، ކުޑަކަކޫ ނުޖެއްސޭނެ: އާޒިމް

އޭނާއަކީ މިނިވަނެއް ކަމަށާއި ކުޑަކަކޫ ޖެއްސޭނެ މީހެއް ނުހުންނާނެ ކަމަށް ދެވަނަ ދައުރަކަށް މަގާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާ، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ފޯރިވަނީ ގަދަވެފަ އެވެ. އެގޮތުން މި ޕްރައިމަރީގައި އާދަމް އާޒިމްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި އާޒިމް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އިންތިހާބުވާން މަސައްކަތްކުރިއިރު، މާލޭ ސިޓީ ކައުންސިލް ހަމަޔަކަށް އަޅުވަން ވައުދުވެވަޑައިގެން ކަމަށާއި އެ ވައުދުވެވަޑައިގަތީ އެތައް ކަމެއް ކުރަން ހުންނާނެކަން އެނގިވަޑައިގެން ކަމަށެވެ.

އެގޮތުން ފާއިތުވި 15 އަަހަރު ތެރޭ މާލޭގެ ބިންތައް ވެސް ބަހައިފައި އޮތީ އެކި ގޮތްގޮތަށް ކަމަށާއި، އެކަންކަން ހަމަޔަކަށް އަޅުވަން މަސައްކަތްކުރާއިރު އެކަމުގައި މަސްލަހަތު އޮންނަ މީހުން "ސިންގާތަކެއްހެން ދިމާލަށް އަންނާނެކަން އެނގޭ" ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ނަމަވެސް އޭނާ މަސައްކަތް ކުރައްވަނީ ގައުމަށްޓަކާ ކަމަށާއި މަސައްކަތް ކުރަނީ ވަކި މީހަކަށް ނޫން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މިނިވަނެއް. އެމްޑީޕީގެ މެމްބަރުންނަކީ މިނިވަނުން. އެމްޑީޕީގެ މެމްބަރުންނަކީ އަޅުވެތި ބައެއް ނޫން، އަޅުވެތި ނުވެސް ކުރެވޭނެ. އަޅުގަނޑު ވެސް ނުކުރެވޭނެ، އެމްޑީޕީގެ ހަގީގީ މެމްބަރެއް ލާހިކެއް ނޫން ކުޑަކަކޫ މައްޗަށް ތިރިކުރާކަށް،" އާޒިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 30 ގަ އެވެ.