Last Updated: July 8, 19:04
Wednesday, July 8, 2026
ޚަބަރު

ފޭސް 1 ގެ ރައްޔިތުންގެ ގާތަށް ރައީސް މާދަމާ ރޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާ ރޭ ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ 20:30ގައި ރެހެންދި ސްކޫލްގައި އޮންނާނެ ކަމަށެވެ.

ހުޅުމާލޭ ފޭސް 1ގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު ވަނީ އަރުވާފަ އެވެ.

ރައީސް ގެންދަވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.