އިސްލާމް މާއްދާ އިން ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް މިސްކިތްތަކުގައި ޓިއުޝަން ދިނުމާ މެދު އާންމުން ދެކޭ ގޮތް ބަލަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވަނީ އިސްލާމް މާއްދާ އިން ގްރޭޑް 8، 9، 10، 11 އަދި 12 ގެ ފޮތްތައް މިސްކިތްތަކުގައި ހަފުތާއަކު ދެ ދުވަހު ދެ ނަމާދު ދޭތެރޭގައި މޮޅު އިލްމީ ޓީޗަރުން މެދުވެރިކޮށް ހިލޭ ޓިއުޝަން ދެވޭނެ އިންތިޒާމުކޮށްފި ނަމަ ކިހިނެއް ވާނެތޯ އައްސަވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ މިކަން ކުރިއަށް ގެންދަން ފެންނަ ނަމަ އެކަން ކުރިއަށް ގެންދާނީ ދަރިވަރުންނަށް އިހުތިޔާރެއްގެ ގޮތުގައި ކަމަށެވެ.
"ޙާޒިރުވާން ބޭނުން ކުއްޖަކަށް ހާޒިރުވެވޭނެ. އަޅުގަނޑު މި ވިސްނުން މި ހުށަހަޅަނީ މި މާއްދާއާ މެދު ދެކެވޭ ވާހަކަތަކަށް ބަލާފައި،" ޝަހީމު ވިދާޅުވި އެވެ. "މިކަމާ މެދު ތިޔަ ބޭފުޅުންގެ ޚިޔާލުފުޅަކީ ކޮބައިތޯ؟"
މިނިސްޓަރުގެ ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓްކޮށްފައިވެ އެވެ. އެގޮތުން މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެ ފުރުސަތު އަތޮޅުތަކުގެ ރައްތަކަށް ވެސް ލިބުން އެދޭ ކަމަށް ބުނެފައިވެ އެވެ.