ބޮލީވުޑްގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "3 އިޑިއަޓްސް" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ އިރު، އާ ފިލްމުގެ ނަމަކީ "4 އިޑިއަޓްސް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެ ނަމާ އެކު ފިލްމުގެ ލީޑަށް އެކްޓަރަކު އިތުރުވާނެ ކަމަށެވެ. އަދި ހަތަރު ވަނަ އެކްޓަރަކަށް ވާނީ ވެސް މަޝްހޫރު ތަރިއެއް ކަމަށާއި ފިލްމަށް ގެންނާނެ އެކްޓަރަކާ ގުޅޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށް 2009 ގައި ގެނެސްދިން "3 އިޑިއަޓްސް" ގެ ލީޑް ތަރިންނަކީ އާމިރު ޚާނާއި އާރް މާދްވަންގެ އިތުރުން ޝަރުމަން ޖޯޝީ އެވެ.
މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ލިޔުންޔެރިޔާ ޗޭތަން ބަގަތުގެ 2004 ގެ ވާހަކަ "ފައިވް ޕޮއިންޓް ސަމްވަން: ވަޓް ނޮޓް ޓު ޑޫ އެޓް އައިއައިޓީ" އަށް ބިނާކޮށް ހެދި ފިލްމެކެވެ.
ދާދި ފަހުން މީޑިއާތަކުން ބުނީ "3 އިޑިއަޓްސް" ގެ ސީކްއެލްގެ ސްކްރިޕްޓް ވެސް ހިރާނީގެ ޓީމުން މިހާރު ނިންމާފައިވާ ކަމަށާއި އާ ފިލްމުން ވެސް ކުރީގެ ލީޑް ކާސްޓުން ފެންނާނެ ކަމަށެވެ. ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "3 އިޑިއަޓްސް" ގެ މުހިއްމު ރޯލުތަކެއް ކަރީނާ ކަޕޫރާއި ބޮމަން އިރާނީ އާއި މޯނާ ސިންގް ވެސް ކުޅުނެވެ.
މީގެ ސީކްއެލް އަށް ތައްޔާރުވަމުން އަންނަ ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް ހިރާނީ އާއި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އަދި އެއްވެސް ބަހެއް ލިބިފައެއް ނުވެ އެވެ. އެކަމަކު "3 އިޑިއަޓްސް" ސީކްއެލް ކަށަވަރު ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.
އާމިރުގެ "ޕީކޭ" އާއި ރަންބީރް ކަޕޫރްގެ "ސަންޖޫ" އަދިި ސަންޖޭ ދަތުގެ "މުންނާބާއީ އެމްބީބިއެސް" ވެސް ގެނެސްދިން ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާނާ އެކު 2023 ގައި ގެނެސްދިން "ޑަންކީ" އެވެ.