Last Updated: June 6, 17:25
Saturday, June 6, 2026
ޚަބަރު

ދެ މަސްތެރޭ ޖަލުތަކަށް އިތުރު 140 ޖާގަ

ޖަލުތަކުގެ ޖާގަ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި 140 އަށް ވުރެ އިތުރު ކުރެވޭނެ ކަމަށް، ޖަލުތަކުގެ ކޮމިޝަނަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުރާސްފަތި ދުވަހި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭބަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ޖަލުތަކަށް 124 ޖާގަ މިހާތަނަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އިތުރުކުރާ 140 ޖާގަ އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

އެއީ ހުޅުމާލޭ ޖަލަށް 70 ޖާގަ އާއި ކ. ހިންމަފުށީ ޖަލަށް 70 ޖާގަ އެވެ.

ޒަރީރު ވިދާޅުވީ، ހުޅުމާލޭގައި ޖާގަ އިތުރުކުރަމުން އަންނަނީ ކުރީގެ ކޮވިޑު ފެސިލިޓީ ބޭނުންކޮށްގެން ކަމަށެވެ. އަދި އެ މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކޯޓުތަކަށް ގެންދަން ޖެހޭ ގައިދީން ގެނެސް، ޝަރީއަތްތައް އަވަސް ކުރުމަށް މަގުފަހިކުރުން ކަމަށް ވިދާޅުވި އެވެ.

ޖަލުތަކުގެ ޖާގަ އިތުރުވުމުން ދުވާލަކު 50 އާ ހަމައަށް މީހުން ޙާޒިރުކޮށްގެން ޝަރީއަތްތައް ކުރިއަށް ގެންދެވޭނެކަމުގެ އުންމީދު ވެސް އޮތް ކަމަށް ޒަރީރު ވިދާޅުވި އެވެ. މިހާރު ގައިދީންނަށް ދުވާލަކު 50-70 އާ ދެމެދުގެ ޝަރީއަތްތައް އޮންލައިންކޮށް ހިންގަ އެވެ.