Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ދަތުރުވެރިޔާގެ އަދަބުތައް

• ދަތުރަށް ފަށައިގަތުމުގެ ކުރިން ގޭގެ އަހުލުންނާއި، ޢާއިލާގެ މީހުންނާއި، ރަޙްމަތްތެރިންނާއި އަވައްޓެރިންނާއި ބައްދަލުކޮށް ސަލާމްކޮށް އަލްވަދާޢު ކިޔުން
• ފާފަތަކުން ތައުބާވެގެން ދަތުރަށް ނިކުތުން
• ވަދާޢުގެ ދުޢާ ކިޔައިގެން ދަތުރަށް ނިކުތުން
«أَسْتَوْدِعُكُمُ اللَّهَ الَّذِي لَا يُضِيعُ وَدَائِعُهُ»
• ދަތުރުގެ ބާވަތުން އިސްތިޚާރާ ނަމާދުކޮށް އިސްތިޚާރާ ދުޢާ ކުރަންޖެހޭފަދަ ދަތުރަކަށް ނިކުތުމުގެ ކުރިން އިސްތިޚާރާ ކުރުން
• މީސްތަކުންގެ އަމާނާތްތަކާއި، ޙައްޤުތައް ރައްދުކޮށް، ވަޞިއްޔަތް ލިޔެފަ ދަތުރަށް ނިކުތުން
• ދަތުރުގެ މުއްދަތުގައި ބަލަދުއަރާ ފަރާތްތަކުގެ ހަރަދު ބަރަދު ހަމަޖެއްސުމަށްފަހު ދަތުރަށް ފުރުން
• ޟަރޫރަތަކަށްޓަކައި މެނުވީ އެކަނި ދަތުރު ނުކުރުން
• ދަތުރުގައި ބައިވެރިވާނެ ޞާލިޙު ރަފީޤުން ޚިޔާރުކުރުން
• ޖަމާޢަތެއްގެ ބަޔަކު ދަތުރު ކުރާނަމަ އެމީހުންގެ ތެރެއިން އަމީރަކު އިސްކޮށް އޭނާއަށް ތަބާވެ ކިޔަމަންވުން
• ޟަރޫރަތަކަށްޓަކައި މެނުވީ އަންހެނުން މަޙްރަމަކާއި ނުލައި ދަތުރު ނުކުރުން
• ދަތުރުގެ ސަވާރީއަށް ސަވާރުވެ ސަވާރީ ދުޢާ ކިޔުން
﴿ سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ ﴾
• މާތް ނަބިއްޔާ ﷺ ބުރާސްފަތި ދުވަހު ދަތުރުފެއްޓެވުމަށް ލޯބި ކުރައްވާތީ ބުރާސްފަތި ދުވަހު ދަތުރު ފެށުމުގެ އިންތިޒާމުކުރުން
• ދަތުރުމަތީގައި ދަތުރުގެ ބައިވެރިންނަށް އަޅާލާ އެހީތެރިވުން
• ދަތުރު ކުރަމުންދާ ހިނދު އުސްތަނަކަށް އަރާނަމަ (މައްޗަށް އަރާނަމަ) ތަކްބީރު (الله أكبر) ކިޔުމާއި ތިރިތަނަކަށް ފައިބާނަމަ ތަސްބީޙަ (سبحان الله) ކިޔުން
• ދަތުރެއްގައި ތަނަކަށް މަޑުކޮށް ފައިބައިފިނަމަ އެފައިބާތަނުގެ ނުބައިކަމުން ސަލާމަތްވުމަށް އަންނަނިވި ދުޢާ ކުރުން:
«أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ»
• ދަތުރުވެރިޔާގެ ދުޢާއަކީ އިޖާބަވުން ގާތްވެގެންވާ ދުޢާއަކަށް ވީތީ ދަތުރުމަތީގައި ގިނަގިނައިން ދުޢާކޮށް ޒިކުރުކުރުން
• ދަތުރުމަތީގައި ދިމާވާ ކަންކަމަށް ކެތްތެރިވުން
• ދަތުރުމަތީގައި ދުލަށާއި ލޮލަށް ރައްކާތެރިވުން
• ތިމާގެ އީމާންކަމާއި ޢަޤީދާ އިމްތިޙާނުވެވި، އަޚްލާޤު ފާސިދުވެ، ޖިސްމާނީ ނުރައްކަލަށް ހުށައެޅިދާނެފަދަ މަންޒިލްތަކަށް ދަތުރުނުކުރުން
• ދަތުރުމަތީގައި ނަމާދުތަކަށް ރައްކާތެރިވުމާއި، ނަމާދު ގަސްރުކުރުމާއި ޖަމްޢުކުރުންފަދަ ލުއިތަކުގައި ހިފުމާއި، ދަތުރުވެރިންނަށް ބޭނުންވާނެ ފިޤްހީ ޙުކުމްތައް އުނގެނި ދަސްކުރުން
• ދަތުރުމަތިން ފެންނަ، ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއިމެދު ވިސްނާ ފިކުރު ހިންގުން
• ގޭގެ އަހުލުވެރިންނަށް އެންގުމަކާއި ނުލައި ކުއްލިއަކަށް ދަތުރުން އެނބުރި ނައުން
• ދަތުރުން އެނބުރި އާދެވުމުން ފިރިހެނުން ފުރަތަމަ ކަމަކަށް މިސްކިތަށް ގޮސް ދެރަކްޢަތް ނަމާދެއް ކުރުން
• ދަތުރަށް ފަށައިގަތުމުގެ ކުރިން ހެޔޮލަފާ ޞާލިޙުންގެ ފަރާތުން ނަސޭޙަތަށް އެދުން
• ދަތުރުވެރިޔާއަށްޓަކައި އެހެންމީހުން ހެޔޮ ދުޢާކުރުން. މިގޮތުން އަންނަނިވި ދުޢާތައް ކުރެވިދާނެއެވެ:
«أَسْتَوْدِعُ اللَّهَ دِينَكَ، وَأَمَانَتَكَ، وَخَوَاتِيمَ عَمَلِكَ»
«زَوَّدَكَ اللَّهُ التَّقْوَى وَغَفَرَ ذَنْبَكَ وَيَسَّرَ لَكَ الخَيْرَ حَيْثُمَا كُنْتَ»
«اللَّهُمَّ اطْوِ لَهُ الأَرْضَ، وَهَوِّنْ عَلَيْهِ السَّفَرَ»

• ދަތުރުން އެނބުރި އަންނަމުން އަންނަނިވި ދުޢާ ކިޔުން
«آئِبُونَ، تَائِبُونَ عَابِدُونَ، لِرَبِّنَا حَامِدُونَ»
• ދަތުރުގެ ބޭނުން ފުރިހަމަވުމުން ލަސްނުވެ އަނބިދަރިންނާއި އަހުލުންގެ ގާތަށް އެނބުރި ދިއުން
• ދަތުރު މަތީގައި ބައެއްގެ އަނިޔާވެރިކަމާއި ކުރިމަތިވެދާނެ ކަމުގެ ބިރު ހީވާނަމަ އަންނަނިވި ދުޢާ ކިޔުން
«اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ، وَنَعُوذُ بِكَ مِنْ شُرُورِهِمْ»
• ދަތުރުމަތީގައި ތިމާގެ ނަފްސަށާއި ދީނަށާއި އަބުރަށް ރައްކާތެރިވުން

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒްގެ ލިޔުއްވުމެކެވެ.