Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ތިންވަނަ ފިޔަވަހީގެ ގޯތިތަކުގެ ގުރުލުން ފަށައިފި

'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު މި މަސައްކަތް ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލުގަ އެވެ.

ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމީ ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެން ދާނެތީ އެވެ.

'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކޮށްފައިވެ އެވެ.

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:

* 1،650 އަކަފޫޓުގެ 181 ގޯތި
* 2،050 އަކަފޫޓުގެ 242 ގޯތި
* 2،450 އަކަފޫޓުގެ 132 ގޯތި
* 2،850 އަކަފޫޓުގެ 62 ގޯތި
* 3،250 އަކަފޫޓުގެ 41 ގޯތި
* 3،650 އަކަފޫޓުގެ 16 ގޯތި
* 4،000 އަކަފޫޓުގެ 24 ގޯތި

ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް އެކަކަށެވެ. އަދި ގޯތި ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާ ނަމަ، އެކަން އަންގައިދޭ ލިޔުމާއި، ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޒިރުވުމުން، ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް އެފަރާތަކަށް ވަދެވޭނެ ހައުސިން މިނިސްޓްރީން ބުންޏެވެ.

ގުރުއަތުނެގުން ކުރިއަށްދާ އިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހޭ ޕްލޮޓް 'ހިޔާވެހި' ޕޯޓަލް އިން ވަގުތުން ފެންނާނެއެވެ. އަދި އެފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެއެވެ.

މި ގުރުއަތުލުން ޔެސް ޓީވީން ލައިވް ވެސް ކުރެ އެވެ.