ރާއްޖޭގައި ލޯކަލް ޓޫރިޒަމްގައި ރަސްކަން ކުރަމުން އަންނަ ކ. މާފުށި "ހާޓް އޮފް މޯލްޑިވްސް "ގެ ނަމުން ބްރޭންޑްކޮށްފި އެވެ.
އެކަމަށްޓަކައި އެ ރަށުގައި ކައުންސިލުން ރޭ ވަނީ ހަވާ އެރުވުމާ އެކު ކުލަގަދަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ.
މީހުން ދިރިއުޅޭ ރަށެއްގައި އެންމެ ގިނަ ގެސްޓުހައުސް ހޮޓާ އޮޕަރޭޓްކުރާ ރަށަކީ މާފުއްޓެވެ. އެ ރަށުގެ ބެޑް ކެޕޭސިޓީ މިހާރު ވެސް 2،000 އަށް ވުރެ ގިނަ އެވެ.
މާފުށީގެ ބްރޭންޑު "ހާޓް އޮފް މޯލްޑިވްސް" އާއި ރަށުގެ އާ ލޯގޯ ރޭ ލޯންޗުކޮށް ދެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެ ރަސްމިއްޔާތުގައި އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި ގެސްޓު ހައުސް އެސޯސިއޭޝަންގެ ރައީސް އަދި ކާނި ހޮޓެލްސް އެންޑް ރިސޯޓްސްގެ އަބްދުﷲ ނަޝީދާއި މާފުށީގައި ފުރަތަމަ ގެސްޓު ހައުސެއް ހުޅުވި، ކުރީގެ ގަވަރުނަރު އަހުމަދު ނަސީމާއި މާފުށީ ކައުންސިލްގެ ރައީސާއި މެންބަރުންނާއި ކައިރި ރަށްރަށުގެ ކައުންސިލްތަކުން ބައިވެރިވެވަދައިގަތެވެ.
ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، މާފުށީގެ އިގުތިސާދު އެތައް ގުނައެއް މިއަދު ބަދަލުވެގެން ގޮސްފައިވާ ކަމަށާއި އެންމެ ބޮޑު އެދުމަކީ މާފުށީގެ އުފެއްދުންތެރިކަން ކުރިއަރައިގެން އަންނަ މިންވަރު އެނގުން ކަމަށެވެ.
"މި މާ ފުށީގެ ޖީޑީޕީއަކީ ކޮބައިކަން. މާފުށީގެ އުފެއްދުންތެރިކަން ކުރިއަރަމުން އަންނަ މިންވަރަކީ ކޮބައިތޯ. މާފުށީގައި މަހަކަށް އިތުރަށް ކިތައް ވަޒީފާ އެބަ އިތުރުވޭތޯ؟" ނަޝީދު ވިދާޅުވި އެވެ. "ކުރިއަށް އޮތް ތާނގައި ވަޒީފާތައް ބޭނުންވެގެންދާނީ ކިހާ ވަރަކަށްތޯ؟"
ރޭގެ ރަސްމިއްޔާތުގައި ނަޝީދަށް ހާއްސަ ހަނދާނީފިލައެއް ވެސް އަރުވާފައިވެ އެވެ.