ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވުމަށް ނިންމާފައިވާ ޕްރައިމަރީގެ ފުރުސަތު އަލުން ހުޅުވާނުލުމުން އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް ހިތަދޫ އުތުރު ދާއިރާގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ) ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލި އިއުލާނުގެ ފަހުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ކުރިން އައްޑޫ ކައުންސިލްގައި އޮތް 12 އިންތިހާބީ ދާއިރާ 10 އިންތިހާބީ ދާއިރާއަށް ބަދަލުވެގެންދިޔަ ކަމަށެވެ.
"އެހެން ނަމަވެސް އާ އިންތިހާބީ ދާއިރާތަކާއެކު އައްޑޫ ސިޓީއަށް އަލުން ޕްރައިމަރީގެ ފުރުސަތު ޕާޓީން ދީފައެއް ނުވޭ،" ސިޓީގައި ވެ އެވެ.
ސޯބެ ވިދާޅުވީ އެމްޑީޕީން ކުރި އިއުލާނުގެ މުއްދަތުގައި ހިތަދޫ އުތުރު ދާއިރާގައި ހިމެނޭ ދެ އިންތިހާބީ ދާއިރާގެ ތެރެއިން ކޮރަވަލުގެ ކައުންސިލް ގޮނޑިއަށް އެއް ބޭފުޅަކު ޝައުގުވެރިވިއިރު، މޫލެކެޑެ ގޮނޑިއަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށެވެ. އެގޮތުން މޫލެކެޑެ ގޮނޑި އަންހެނުންނަށް ހާއްސަ ގޮނޑިއަކަށް ވެގެންދާ ގޮތަށް އޮތުމުން ޝައުގުވެރިކަން ފާޅުނުކުރީ ކަމަށް މިހާރު އެ ގޮނޑިއަށް ޝައުގުވެރިވާ ބޭފުޅުން ފާހަގަކުރަމުންދާ ކަމަށާއި އަދި މިހާރު އެ ގޮނޑި ފިރިހެން ދާއިރާއަކަށް ވުމުން ގިނަ ބޭފުޅުން އިންތިހާބަށް ނިކުންނަން ޝައުގުވެރިވާ ކަމަށްވެސް ސިޓީގައިވެ އެވެ.
މީގެއިތުރުން ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު މިފަހަރު ހިތަދޫގެ 6 ދާއިރާއިން 6 މެމްބަރުން ޑަބްލިއުޑީސީއަށް އިންތިހާބު ކުރާގޮތަށާއި ކޮމިޓީގެ ރައީސާ މުޅި ސިޓީން އިންތިހާބު ކުރާ ގޮތަށް ހަމަޖެހިގެންދިޔުމުން ޑަބްލިއުޑީސީގެ ހިތަދޫ އުތުރު ދާއިރާގެ ދެ ގޮނޑިއަށާއި ރައީސާގެ މަގާމަށް ވާދަކުރަން ގިނަ އަންހެން ބޭފުޅުން ބޭނުންވާ ކަމަށްވެސް ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
މި ބަދަލުތަކާއި ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ މޫލެކެޑެ ސަރަހައްދުގެ ކައުންސިލް ގޮނޑިއަށް 4 ފަރާތަކުން މިހާރު ޝައުގުވެރިވާ ކަމަށާއި އަދި ޑަބްލިއުޑީސީގެ ރައީސާއަށާއި ޑަބްލިއުޑީސީގެ މެމްބަރު ކަމަށް އުތުރު ދާއިރާގެ މޫލެކެޑެ އަދި ކޮރަވަލުން އެކަކަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. މި ބަދަލުތަކާއެކު ހިތަދޫ އުތުރު ދާއިރާގެ ކައުންސިލް އަދި ޑަބްލިއުޑީސީއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަލުން ޕްރައިމަރީގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލަންޖެހޭ ކަމަށް އެ ދާއިރާގެ ގިނަ މެމްބަރުން ފާހަގަކުރާ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.
ސޯބެގެ ސިޓީގައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކާއި މަޝްވަރާކޮށްގެން ކޮންމެ ގޮނޑިއަކަށް އެއްފަރާތް ހަމަޖައްސަން ކުރެވުނު މަސައްކަތުން އެއްވެސް ފަރާތަކުން އެއްބަސް ނުވާކަމާއި، ޕްރައިމަރީއެއް ނުބާއްވައި އެއްފަރާތް ހަމަޖައްސާނަމަ އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް ޝައުގުވެރިވާ އެންމެން ވެސް ބުނެފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.
އެހެންކަމުން މިކަމުގައި ކުރިއަށް ދެވޭނެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް ސޯބެގެ ސިޓީގައި ވަނީ އެދިފަ އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 30 ގަ އެވެ.