ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި 140،000ރ. ގެ އައުޓުބޯޑް އިންޖީނެއް 1،080ރ. އަށް ވިއްކާލާފައި ވަނިކޮށް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އެ އިންޖީނު ވަގަށް ނެގީ މި މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި 40 ހޯސްޕަވަރުގެ އިންޖީނެއް ކަމަށެވެ. އެ ހޯދުމުގެ ފުލުހުން ފެށީ އެ ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.
އެގޮތުން ވަގަށް ނެގި އިންޖީނު ފެނުނީ މިމައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށް އެތަނުން ކަމަށެވެ. އެތަން ބަލައި ފާސްކުރި އިރު، އިންޖީނު ބައެއް ބައިތައްވެސް ފެނިފައިވާ ކަމަށާއި އިންޖީނު ހޯދާފައިވަނީ ބައު ދަނގަޑުގެ ގޮތުގައި 1،083ރ. އަށް ވިއްކާލާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.