ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެ އެވެ.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ -الأحزاب 70-71
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. * (އޭރުން) ތިޔަބައި މީހުންނަށްޓަކައި، ތިޔަބައި މީހުންގެ ޢަމަލުތައް އެއިލާހު އިޞްލާޙުކޮށް ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެތެވެ.”
ޝައްކެތް ނެތް ގޮތުގައި ސީދާވެގެންވާ ބުނުމަކުން ބަސްބުނާ މީހާއީ ﷲ ގެ މަގަށް ގޮވާލާ މީހާއެވެ. އިސްލާމް ދީނުގެ ދަޢުވަތު ދޭ މީހާ އެވެ. އެކަން އެގޮތަށް ކުރުމުން ﷲ ތަޢާލާ
* އޭނާގެ ޢަމަލުތައް އިޞްލާޙު ކުރައްވާނެ އެވެ.
* އޭނާގެ ފާފަތައް ފުއްސަވާނެތެވެ.
ވީމާ، ދަޢުވަތުގައި އުޅޭށެވެ. ޢަމަލުތައް އިޞްލާޙުވުމަށްޓަކައި އެއަށްވުރެ ބޮޑަށް ބާރުއަޅާ ކަމެއް ނެތެވެ. އެހެނީ އެހެން މީސްތަކުންނަށް ދަޢުވަތު ދޭ ނަމަ، އެކަންކަމަށް ތިބާ ޢަމަލު ކުރަން ތިބާއަށް ކޮންމެހެން ވެސް ޖެހޭނެ އެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.