މި އަހަރު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ބޮލީވުޑްގެ ފިލްމު "ސައްޔާރާ" ގެ ބަތަލާ އަނީތު ޕައްޑާގެ ދެވަނަ ފިލްމުގެ ބަތަލަކީ ލަކްޝް ލަލްވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ސައްޔާރާ" އިން ބޮޑު މަޝްހޫރު ކަމެއް ލިބުނު އުންމީދީ ބަތަލާގެ ދެވަނަ ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ އަށް ނިސްބަތްވާ "ޝަކްތީ ޝާލިނީ" އެވެ. އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާ އަކީ އަނީތުކަން އެ ސްޓޫޑިއޯ އިން އިއުލާންކުރީ އެންމެ ފަހުން ގެނެސްދިން ހޮރޯ-ކޮމެޑީ ޔުނިވާސްގެ "ތާމާ" މިދިޔަ އޮކްޓޯބަރު މަހު ސިނަމާތަކަށް ގެނައި އިރު އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ޝޫޓިން އަންނަ މަހު ފަހުކޮޅު ފަށަން ޕްލޭންކޮށްފައިވާ އިރު، އަނީތުއާ އެކު "ޝަކްތީ ޝާލިނީ" ގެ ބަތަލުގެ ރޯލުން ފެންނާނީ ލަކްޝް އެވެ.
އޭނަ އަކީ މިހާރު ބާރަށް ކުރިއަރަމުން އަންނަ އެކްޓަރެކެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ގެނެސްދިން ވަރުގަދަ އެކްޝަން ފިލްމު "ކިލް" އިން ތައާރަފުވި ލަކްޝްގެ އެންމެ ފަހުގެ މަސައްކަތަކީ މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އެވެ.
ދާދި ފަހުން ދަރުމާގެ ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" ގެ ޝޫޓިން ވެސް ނިންމައިލި ލަކްޝް މިހާރު އަންނަނީ އެ ސްޓޫޑިއޯގެ ރޮމޭންޓިކް އެކްޝަން ތުރިލާ "ލަގް ޖާ ގަލޭ" ގެ މަސައްކަތް ކުރަމުންނެވެ.