އަނިޔާވެރިކަމުން ދެމެހެއްޓެނު ވެރިކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
މަހާޒު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރިތާ ގިނަ ދުވަސްތަކެއްފަހުން، ދެ ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖޭއެސްސީން އޭސީސީއަށް މިއަދު ފޮނުވުމާ ގުޅިގެންނެވެ.
އެކަމަށް އިޝާރާތްކުރައްވައި މަހާޒު 'ފޭސްބުކް'ގައި ލިޔުއްވި ކުރު ޕޯސްޓެއްގައި ވަނީ މިއީ "އަނިޔާވެރިންގެ އަނިޔާއެއް" ގޮތަށް ސިފަކުރައްވައިފަ އެވެ.
"މިއީ އަނިޔާވެރިންގެ އަނިޔާއެވެ. އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތެވެ. ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚުވެއެވެ،" އެ ޕޯސްޓުގައިވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އަދި ޖޭއެސްސީގެ ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރި ގޮތާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުންތަކެއް ވެސް ހިއްސާކުރައްވާފަ އެވެ.