Last Updated: July 8, 19:39
Wednesday, July 8, 2026
ޚަބަރު

ތަރައްގީއަކީ ކޮންކްރީޓެއް ނޫން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ތަރައްގީ އަކީ ކޮންކްރީޓެއް ނޫން ކަމަށާއި އެއީ މީހާއަށް އަންނަ ބަދަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމްގައި ރަސްކަން ކުރަމުން އަންނަ ކ. މާފުށި "ހާޓް އޮފް މޯލްޑިވްސް "ގެ ނަމުން ބްރޭންޑް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ މާފުށީގެ މަގުތައް ވެސް ހަދަންޖެހޭ ކަމަށާއި ނަަމަވެސް ރާއްޖޭގެ ރަށްތަކުގައި މަގުތައް ހަދާގޮތަށް މަގުތައް ހަދަން މާފުށީގެ ރައްޔިތުން އެއްބާސްވަން ނުފެންނަ ކަމަށެވެ.

"މިއީ ވިލެޖެއް، ޓޫރިސްޓު ރަށެއް. މި ރަށުގައި ޓްރޮޕިކަލް ގޮތް ނުވަތަ ޖަޒީރާ ގައުމުގެ ސިފަ ގެއްލޭގޮތަށް އެއްކަމެއް ވެސް ކުރާކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

މާފުށީގެ މަގުތައް ހަދަންވާނީ ރާއްޖޭގެ އެހެން ހުރިހާ ރަށަކަށް މިސާލަކަށް ވާގޮތަށް ކަމަށާއި ނަމަނަމަ ރާއްޖޭގެ އެހެން ރަށްތަކުގައި އަޅާ ތާރުގަނޑު މާފުށީގައި އަޅަން އެ ރަށުގެ ރައްޔިތުންގެ ހިތަށް ނުގެންނެވުމަށް ނަޝީދު އިލްތިމާސްކުރެއްވި އެވެ.

"ތަރައްގީއަކީ ކޮންކްރީޓެއް ނޫން. ތަރައްގީއަކީ ތިމަންނާއަށް ވާ ގޮތެއް. ތިމަންނާއަށް އަންނަ ބަދަލެއް. އެއިކީއެއް ބޮޑުހިލައެއް ނޫން، އެއްގަމު ތޮއްޓެއް ނޫން، ތާރު މަގެއް ނޫން، ބިއްލޫރީއެއް ނޫން ދަގަނޑެއް ނޫން އެލްމެނިއަމެއް ނޫން. އެއީ ތިބޭފުޅާއަށް އަންނަ ބަދަލެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މާފުށްޓައް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ ރަނގަޅު ސްކޫލެއް ކަމަށާއި މިހާރު ހުރި ސްކޫލްގައި އޭ ލެވެލް ހަދާ ކްލާހެއް ނެތް ކަމަށެވެ. މާފުށީގެ ތައުލީމީ ފެންވަރު ވަރަށް ބޮޑަށް ކުރިއަށް ގެންދަންޖެހޭ ކަމަށާއި މާފުއްޓަށް އެކި ދާއިރާތަކުން ބޭނުންވާ މީހުން އުފައްދަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.