Last Updated: July 8, 19:39
Wednesday, July 8, 2026
ޚަބަރު

ބޯކޮށް ވާރޭވެހި ނިލަންދޫގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެނުގެ އަސަރު ކުރަމުންދާ ކަމަށެވެ. އެގޮތުން ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ވ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިރޭ 11 ޖެހުމާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ.

ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ ފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުމަށާއި ދަތުރަށް ނިކުންނައިރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.