Last Updated: July 8, 19:39
Wednesday, July 8, 2026
ޚަބަރު

ކުދިންނަށް ޚާއްޞަ ފިލްމު އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފި އެވެ.

ރައީސް މިކަން އިޢުލާންކުރެއްވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމު ކަމަށާއި ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުންދާ ކަމަށެވެ.

ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެކަން ބައެއް ފަރާތްތަކުން ފާހަގަކުރާ ކަމަށާއި އެކަމަށް ޙައްލު ގެނެސް ދެއްވުމުގެ ގޮތުން، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރޭ ނަތީޖާ ފާޅުކުރެވުނު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް މިހާތަނަށް ކުރިއަށްގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައެއް ނޫން ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަވާނެ މުބާރާތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަން ވެސް އިއުލާންކުރައްވާފަ އެވެ.