އެވަޓަން 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލުން ލީޑު ދަމަހައްޓައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 17 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 17 މެޗުން 37 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އާސެނަލަށް މެޗުގެ 27 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވިކްޓަ ޔޮކަރޭސް އެވެ. މިއީ އޭރިއާ ތެރެއިން އެވަޓަންގެ ޑިފެންޑަރު ޖޭކް އޯ ބްރިއެން އަތުގައި ބޯޅަ ޖެހުމާ ގުޅިގެން އާސެނަލަށް ލިބުނު ޕެނަލްޓީއެކެވެ.
ދެވަނަ ހާފުގައި ލީޑު ފުޅާކޮށްލަން އާސެނަލްގެ ލިއަންޑްރޯ ޓްރޮސާޑަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެވަޓަންގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އާސެނަލްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ފޮނުވާލި ހަމަލާއެއް ވެސް ދަނޑިއަށް އަމާޒުވެފައިވެ އެވެ.
ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ލިވަޕޫލުން 2-0 އިން ޓޮޓެންހަމް ބަލިކުރިއިރު، ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑުން ވަނީ 4-1 އިން ކްރިސްޓަލް ޕެލެސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.