Last Updated: June 6, 18:02
Saturday, June 6, 2026
މުނިފޫހިފިލުވުން

ނޯރާ އެކްސިޑެންޓްވެއްޖެ

ބޮލީވުޑްގެ މިހާރުގެ އެންމެ ނުފޫޒު ގަދަ "އައިޓަމް ގާލް" ނޯރާ ފަތުހީ އެކްސިޑެންޓްވެގެން ފަރުވާ ދީފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އެކްސިޑެންޓްވީ މުމްބާއީގައި މިހާރު ކުރިއަށްދާ "ސަންބާން ފެސްޓިވަލް" ގައި ޕަފޯމް ކުރަން އިއްޔެ ކާރުގައި ދަނިކޮށް، މަސްތުވެގެން އިން މީހަކު ދުއްވި ވެހިކަލެއް އަމްބޯލީގެ ލިންކް ރޯޑްގައި ކޮންޓްރޯލް ނުވެ، ނޯރާގެ ކާރުގައި ޖެހިގެންނެވެ.

މި ހާދިސާ ހިނގި އިރު، ނޯރާ އިނީ ކާރުގެ ފަހަތު ސީޓްގަ އެވެ. އަދި އެކްސިޑެންޓާ ގުޅިގެން ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުގައި އޭނަ ބޯޖެހި، ކުދި ޒަހަމްތަކެއް ލިބުނެވެ. މިކަމާ ގުޅިގެން އޭނަ ހޮސްޕިޓަލަށް ގޮސް ސީޓީ ސްކޭނެއް ވެސް ހަދާފައިވެ އެވެ.

ނަމަވެސް ސީރިއަސް އެއްވެސް ގެއްލުމެއް ނުވެ އެވެ. އަދި ފެސްޓިވަލްގައި ނޯރާ ޕަފޯމް ވެސް ކޮށްފައިވެ އެވެ.

އެކްސިޑެންޓާ ގުޅިގެން އިންސްޓަގްރާމް ސްޓޯރީގައި ވީޑިއޯ ޕޯސްޓަކުން ނޯރާ ބުނީ އިއްޔެގެ އެކްސިޑެންޓަކީ އޭނަގެ ހަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި އެެއް ދުވަސް ކަމަށެވެ. އަދި ބޮޑު ގެއްލުމެއް ނުވެ ސަލާމަތްވި ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށްް ބުންޏެވެ. ޕޯސްޓްގައި ނޯރާ ވަނީ މަސްތުވެގެން ތިބެ ނުދުއްވަން ވެސް އިލްތިމާސްކޮށްފަ އެވެ.

މީޑިއާތަކުން ބުނީ ނޯރާގެ ކާރާ އެކްސިޑެންޓްވި މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މޮޅު ނެށުންތެރިއެއްގެ ގޮތުގައި އާންމުންގެ މެދުގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ނޯރާ މިހާތަނަށް މަގުބޫލު ވަރަށް ގިނަ އައިޓަމް ލަވަތައް ކުޅެފައިވެ އެވެ. އަދި ގިނަ ވީޑިއޯ ލަވަތަކުން ވެސް މި ފަންނާނަކީ ބަތަލާއެއްގެ އިތުރުން ލަވަކިޔުންތެރިއެއް ވެސް މެ އެވެ.