މި އަހަރުގެ މިހާތަނަށް އަލަށް އިތުރު 3،800 އަށް ވުރެ ގިނަ އެނދާ އެކު ރާއްޖޭގެ ޓޫރިސްޓް ބެޑް ކެޕޭސިޓީ އަށް 67،000 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 3،805 އެނދު އިތުރުވެ، ޖުމްލަ ބެޑް ކެޕޭސިޓީ ވަނީ 67،053 އަށް އަރައިފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ބެޑް ކެޕޭސިޓީ އަކީ 63،248 އެވެ.
މިހާރުގެ ބެޑް ކެޕޭސިޓި އަށް ބަލާ އިރު، 66 ޕަސެންޓް އެނދު ހުރީ ރިސޯޓުތަކުގަ އެވެ. އެގޮތުން 178 ރިސޯޓެއްގައި 44،423 އެނދު އެބަހުއްޓެވެ. އަދި 113 ރަށެއްގައި ހިންގާ 962 ގެސްޓްހައުސެއްގައި 16،626 އެނދު ހުރިއިރު މިއީ ޖުމްލަ އެނދުގެ 25 ޕަސެންޓެވެ.
މީގެ އިތުރުން 167 ޓޫރިސްޓް އުޅަނދެއްގައި 3،322 އެނދު ހުރިއިރު ނުވަ ރަށެއްގައި ހިންގާ 16 ޓޫރިސްޓް ހޮޓަލެއްގައި 2،598 އެނދު އެބަ ހުއްޓެވެ.
ރާއްޖެ އަށް އަހަރުގެ މިހާތަނަށް 2.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.