Last Updated: June 6, 17:25
Saturday, June 6, 2026
ޚަބަރު

ކޯސް ފީ ނުދެއްކި ދަރިވަރަކަށް އައިޔޫއެމުން ދައުވާކޮށްފި

ފީ ނުދައްކައިގެން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގައި ކިޔެވި ދަރިވަރަކަށް އެ ޔުނިވާސިޓީން ދަޢުވާކޮށްފި އެވެ.

ދައުވާކޮށްފައި ވަނީ 2019 ގައި އައިޔޫއެމްގަައި ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ ވިތު އޮނާސް އަށް ކިޔަވަން ފެށި ގއ. ވިލިނގިލީ ޝާދީވިލާ، ނަސްރުﷲ ފަތުހީގެ މައްޗަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވާ އިރު، މައްސަލައިގެ ރިޕޯޓުގައި ބުނެފައިވަނީ ކޯހުގެ ދެވަނަ ސެމިސްޓާގައި ނަސްރުﷲ ކޯހުން ވަކިވެފައިވާ އިރު، އައިޔޫއެމްގެ ކޯސް ފީ ނެގުމާ ބެހޭ ޤަވާއިދުގެ ދަށުން ކޯހަށް ދައްކަން ޖެހޭ 6،735ރ. ނަސްރުﷲ ނުދައްކައި އޮތް ކަމަށެވެ.

އެ މައްސަލާގައި ދަޢުވާކުރުމުގެ ކުރިން، އެ ފައިސާ ހޯދުމަށް އައިޔޫއެމް އިން އީމެއިލް މެދުވެރިކޮށް ނަސްރުﷲ އަށް ހަނދާންކޮށް ދީފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ދައުވާގެ ލިޔުންތަކާ ނަސްރުﷲ ހަވާލުވި ނަމަވެސް، ދަޢުވާއަށް ރައްދެއް ދީފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ހުކުމްކޮށްގައި ވަނީ އޭނަގެ ޣައިރު ޙާޒިރުގައެވެ.

އެގޮތުން ފައިސާ އައިޔޫއެމް އަށް ލިބިދިނުމަށްޓަކައި 7 ދުވަހުގެ ތެރޭގައި، ގަނޑުކޮށް ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ނަސްރުﷲ ގެ މައްޗަށް ޢަމުރުކޮށްފައިވެ އެވެ.