އަންނަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް" ގައި ބަތަލާ ކިއާރާ އަދުވާނީ ފެންނާނެ ގޮތް މިއަދު ދައްކާލައިފި އެވެ.
ކަޅު ކުލައިގެ ގައުންއެއްގައި ކިއާރާ ފެންނަ ފަސްޓްލުކް ޕޯސްޓަރާ އެކު ބުނެފައި ވަނީ އޭނަގެ ކެރެކްޓާގެ ނަަމަކީ "ނާދިއާ" ކަމަށެވެ. "ޓޮކްސިކް" އަކީ "ކޭޖީއެފް" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ކަންނާޑާ އެކްޓަރު ޔާޝް ބަތަލުގެ ރޯލުން ފެންނާނެ ޕީރިއަޑް ގޭންސްޓާ ފިލްމެކެވެ.
އަންނަ އަހަރުގެ މާޗް 19 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ޔާޝް އާއި ޑައިރެކްޓަރު ގީތޫ މޯހަންދާސްގެ ސްކްރީންޕްލޭއަކަށް ގީތޫ ގެނެސްދޭ ފިލްމެކެވެ. މިއީ ކަަންނާޑާ އާއި އިނގިރޭސި ބަހުން ހަދާ ފިލްމެކެވެ. އެކަމަކު "ޓޮކްސިކް" އުތުރު އިންޑިއާގެ ސިނަމާތަކަށް ގެންނާނީ ހިންދީ ބަހުން ވެސް ޑަބްކޮށްގެންނެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގެ ކާސްޓްގައި ނަޔަންތަރާ، ތާރާ ސުތާރިއާ، ހޫމާ ގްރޭޝީ، އަކްޝޭ އޮބެރޯއީ، ރުކްމިނީ ވަސަންތު، ސުދޭވް ނައިރް އަދި އަމިތު ތިވާރީ ހިމެނެ އެވެ.
އެކްޓަރު ސިދާތު މަލްއުތުރާއާ ކައިވެނިކޮށް މި އަހަރު ދަރިޔަކު ވެސް ލިބިފައިވާ ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި ރިތިކް ރޯޝަންގެ "ވޯ 2" އެވެ.