ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓް ކުރަން ހަދަން ނިންމާފައިވާ "ހޯޕް އައިލެންޑް" ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފި އެވެ.
"ހޯޕް އައިލެންޑް" ހަދަން ނިންމާފައި ވަނީ އުތުރު ތިލަފަޅުގަ އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން 'ހޯޕް އައިލެންޑް" އަށް އިންވެސްޓްކުރާނެ ބަޔަކު ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"ހޯޕް އައިލެންޑް ވެގެންދާނީ ޤާނޫނުގައި ބުނާ ލޯންގް ޓާމް ކެއާ ފެސިލިޓީއަށް. ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަން ޖެހޭތަން ޖެނިއަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ." އޭނަ ވިދާޅުވި އެވެ.
މިހާރު ނިންމާފައިވާ ގޮތުންނަމަ އުތުރު ތިލަފަޅުގައި 'ހޯޕް އައިލެންޑް' ތަރައްގީ ކުރާނީ 700 މީހުންގެ ޖާގަ އަށް ޚާއްސަކޮށްގެންނެވެ. އެއީ އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓަކާއި ތަޢުލީމް ފޯރުކޮށް ދިނުމަށާއި އެކި ތަމްރީންތައް ކުރިއަށް ގެންދާނެ ސަރަޙައްދެއް ހިމެނޭ ގޮތަށެވެ.
މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށް ދޭނެ ތަނެއް ވެސް ހަދަން ހަމަޖެހިފައިވެ އެވެ. އަދި 700 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތަކާއި އެކި ކަހަލަ ހަފުލާތައް ބޭއްވުމަށް ޚާއްސަ ސަރަޙައްދަކާއި ތަނަށް ގެންދާ ކުދިންނާއި ބެލެނިވެރިން ބައްދަލު ކުރުމަށް ޚާއްސަ ސަރަޙައްދެއް ވެސް ތަރައްޤީކުރާނެ އެވެ.
'ހޯޕް އައިލެންޑް' މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.
'ހޯޕް އައިލެންޑް' ަށް ގެންދާ ކުދިން ޢުމުރުން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ އެވެ. އެއަށް ފަހު ފުލުހުން ނުވަތަ ސިފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެ ކުދިން ޚިދުމަތް ކުރަން ޖެހޭނެ އެވެ.