ހުޅުމާލެ ފޭސް ތިނަކުން މިހާތަނަށް 40 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް 40 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. ފޭސް ތިނަކުން ހިއްކުމަށް ނިންމާފައިވަނީ 63 ހެކްޓަރެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ވަނީ ބިންހިއްކުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއްކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލިސްގެ ޑްރެޖަރެއް ގެނެސްފަ އެވެ. އެއީ 22,000 ސީބީއެމްގެ ޑްރެޖަރެކެވެ.
ފޭސް 3 ހިއްކުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.