Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

އެމްޑީޕީ ކައުންސިލް ޕްރައިމަރީ އަވަސްކޮށްފި

އެމްޑީޕީ ޕްރައިމަރީގެ ވޯޓު ފޮއްޓެއް - ފޮޓޯ: އަދަދު

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަވަސްކޮށްފި އެވެ.

އެމްޑީޕީން މިދިޔަ ހަފްތާގައި ވަނީ އެ ޕާޓީގެ ކައުންސިލް ޕްރައިމަރީ އަންނަ މަހުގެ 30ގައި ބޭއްވުމަށް ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ އިއުލާން މިހާރު ވަނީ ބާތިލުކޮށްފަ އެވެ.

އެމްޑީޕީން މިއަދު ބުނީ އެ އިއުލާން ބާތިލުކުރީ އިލެކްޝަން ކޮމިޝަނުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުމުގެ ތާރީޙް 17 ޖެނުއަރީ އިން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެކަމަށް މައުލޫމާތު ދީފައިވާތީ ކަމަށެވެ.

މި ބަދަލާ ގުޅިގެން ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ 14:30 ން 20:00އަށް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ތެރެއިން އެންމެ ވާދަވެރިކޮށް ފެންނަނީ މާލޭ ސިޓީގެ މޭޔަރު ޕްރައިމަރީ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.