ރާއްޖޭގެ ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އޭނަގެ ރަށުގެ ރަށު ކައުންސިލަށް ވާދަކުރަން ނިންމައިފި އެވެ.
ފައްތާހަކީ ހއ. ކެލަ އަށް އުފަން މީހެކެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ 2017 ގެ "ހައްދު" އަށް ފަހު ފިލްމީ މަސައްކަތް ހުއްޓާލައި ދިރިއުޅުން ރަށަށް ބަދަލުކޮށް ފައްތާހް އަންނަނީ އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އޭނަ ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ނިންމާފައި ވަނީ ޕީއެންސީގެ ޓިކެޓްގަ އެވެ. މިކަމާ ގުޅޭ ގޮތުން ފޭސްބުކް ޕޯސްޓެއްގައި ފައްތާހް ބުނީ ޕީއެންސީގެ ޓިކެޓުގައި އުފަން ރަށުގެ ކައުންސިލް ރައީސްކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ. އެހެންވެ، އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީގައި އޭނަ އަށް ވޯޓު ދިނުމަށް އެދިފައިވެ އެވެ.
ފައްތާހަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނަ ވަނީ ކާމިޔާބު ފިލްމުތަކެއްގެ އިތުރުން ވަރަށް މަގުބޫލު ޓީވީ ސިލްސިލާތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް ވެސް ގެނެސްދީފަ އެވެ.
ފައްތާހް، 54، ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ވެހޭ ވާރޭ ތެރެއިން"، "އޭނާ" އަދި "ޖިންނި" ހިމެނެ އެވެ. އޭނަ ގެނެސްދިން މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި "ދޯޕައްޓާ"، "ތިއޭ މި ހިތުގެ ވިންދަކީ" އަކީ "ހިނިތުންވެލާށޭ ކަލާ" ފާހަގަކޮށްލެވެ އެވެ.