ކައިވެންޏަށް ފަހު، ފިރިމީހާ އަނބިމީހާ އަށް ޚަރަދު ކުރުމަކީ ފިރިމީހާ އަދާކުރަން ޖެހޭ އަނބިމީހާގެ ޙައްޤެކެވެ. އެއީ ފިރިމީހާގެ ވާޖިބެކެވެ. އެކަން ނުކޮށްފިނަމަ ފިރިމީހާ ފާފަވެރިވާނެއެވެ. ފިރިމީހާ އަނބިމީހާގެ މައްޗަށް ވާ ޤައްވާމެއް (ބެލެހެއްޓުމުގެ ބާރު ލިބިގެންވާ މީހެއް) ކަމުގައި ވެފައިވާ އެއްސަބަބަކީވެސް އޭނާ އޭނާގެ ފައިސާއިން އަނބިމީހާގެ މައްޗަށް ހޭދަ ކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ.
(الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ) النساء/ 34
މާނައީ: “ފިރިހެނުންނަކީ އަންހެނުން ބަލައި ތަރުބިއްޔަތު ކުރުމުގެ ޙައްޤާއި ބާރު ލިބިގެންވާބައެކެވެ. އެދެބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ﷲ މާތް ކުރައްވާ އިތުރު ކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާކަމަށްޓަކައެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ.
(لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا سَيَجْعَلُ اللَّـهُ بَعْدَ عُسْرٍ يُسْرًا) الطلاق/7.
މާނައީ: “ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަ ކުރާށެވެ. އަދި އެ މީހެއްގެ ރިޒުޤު ދަތިވެގެންވާ މީހާ، ފަހެ، އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކުލީފެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، ﷲ ލައްވާނެ އެވެ.”
عَنْ مُعَاوِيَةَ الْقُشَيْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : قُلْتُ : يَا رَسُولَ اللَّهِ مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ ؟ قَالَ : ( أَنْ تُطْعِمَهَا إِذَا طَعِمْتَ ، وَتَكْسُوَهَا إِذَا اكْتَسَيْتَ ، وَلَا تَضْرِبْ الْوَجْهَ ، وَلَا تُقَبِّحْ ، وَلَا تَهْجُرْ إِلَّا فِي الْبَيْتِ) رواه أبو داود (2142) ، وابن ماجه (1850) ، وصححه الألباني في ” صحيح أبي داود
"މުޢާވިޔާ އަލް ޤުޝައިރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. އަހަރެން ބުނީމެވެ. “އޭ ﷲ ގެ ރަސޫލާ އެވެ! އަހަރެމެންގެ މައްޗަށް ވާ އަނބިމީހާގެ ޙައްޤަކީ ކޮބައިތޯ އެވެ؟” ޙަދީޘްކުރެއްވި އެވެ. “ތިބާ ކައިގެން ހުރިއްޔާ އޭނާއަށް ކާންދިނުމާއި، ތިބާ އުނުފޭރާން ލައިގެން ހުރިއްޔާ އޭނާއަށް އުނުފޭރާން ދިނުމާއި، އޭނާގެ މޫނުގައި ނުޖެހުމާއި، އަދި އޭނައާ ދިމާލަށް ހަޑިހުތުރު ބަސް ނުބުނުމާއި ގޭތެރޭގައި ނޫން ގޮތަކަށް އޭނާއާ ގުޅުން ކަނޑާނުލުމެވެ.”
ފިރިމީހާ އަނބިމީހާގެ މައްޗަށް ޚަރަދުނުކުރާނަމަ، އަނބިމީހާއަށް އޭނާއާ ވަކިވުން ނުވަތަ އެކަމަށް ކެތްތެރިވެގެން ހުރުން، މި ދެގޮތުން ކުރެ ގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ.
ފިރިމީހާ ޚަރަދު ނުކުރަނީ އޭނާގެ ދަހިވެތިކަމުން، ނުވަތަ މުށްބާރުކަމުން، ނުވަތަ އަތްމަތި ދަތިކަމުން ކަމުގައިވިޔަސް ނުވަތަ އެހެން ސަބަބަކާ ހެދި ކަމުގައިވިޔަސް، އަނބިމީހާ، ކެތްތެރިވެގެން ހުންނަން އިޚްތިޔާރުކުރި ނަމަވެސް، ފިރިމީހާ ޚަރަދު ނުކުރާ ނަމަ، ފިރިމީހާ އަށް އެއްދާންކޮށް ދިނުން އަނބިމީހާގެ މައްޗަށް ލާޒިމެއް ނުވާނެ އެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޚަރަދަކީ އެއީ އަރާމު ލިބިގަތުމުގެ ބަދަލުގައި ދޭ އެއްޗެކެވެ. އެ ބަދަލު ނުދޭނަމަ އަރާމު ލިއްބައިދިނުން އަނބިމީހާއަށް ހުއްޓާލެވިދާނެ އެވެ. (ބައްލަވާ ”المهذب في فقه الإمام الشافعي” (3/155)
އެކަމަކު ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ޚަރަދު ނުކުރެވޭ ކޮންމެ ޙާލަތަކީ އެއްދާންކުރުމުން އެއްކިބާވާ ޙާލަތަކަށް ހެދުން ރަނގަޅެއް ނޫނެވެ. މިކަމުގައި ފިރިމީހާގެ ޙާލަތަށް ބަލަންޖެހޭނެއެވެ.
ޚުލާސާއަކީ، ފިރިމީހާ އަނބިމީހާގެ މައްޗަށް ޚަރަދު ނުކުރާނަމަ، އެއްދާންކުރުމުން އެއްކިބާ ވެވިދާނެ އެވެ. ނުވަތަ ވަރި އަށް ވެސް އެދެވިދާނެ އެވެ. ނުވަތަ ކެތްތެރިވެގެން ހުރުމުގެ އިޚްތިޔާރު ވެސް އަނބިމީހާ އަށް ލިބިގެންވެ އެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.