Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ކުދި ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ފައިނޭންސިނެއް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މައިކްރޯ-ފައިނޭންސިން ޕްރޮޑަކްޓް ތައާރަފްކޮށް، ޖަނަވަރީގައި ފައިނޭންސިން އަށް އެދި ހުށަހެޅުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް 2.5 ޕަސެންޓު ރޭޓެއްގައި މާލީ އެހީތެރިކަން ލިބޭނެ ކަމަށާއި މިއީ މުޅި ރާއްޖޭގައިވެސް މިހާރު ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށެވެ.

މި ފައިނޭންސިން އަގުހެޔޮކޮށް އަދި ދިގު މުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ އެވެ. މި ފައިނޭންސިން އަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރި ކުރިއެރުވުން ފަދަ އެކި ބޭނުންތަކަށް މި ފައިނޭންސިން އެދި ހުށަހެޅޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ ޕްރޮޑަކްޓެއް ތައާރަފްކުރެވޭކަމީ ލިބޭ ފަޚުރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތައް ލިބޭނެ ގޮތަށް މާލީ ނިޒާމު ބައްޓަންކުރުން. މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލް އަށް ވާސިލްވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމެންޓެއް. މީގެ ސަބަބުން މުޅި ގައުމަށް އޭގެ ފައިދާލިބި، ވިލުންތެރި އިގްތިސާދެއް ބިނާކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހި ވެގެންދާނެ." ޝަރީފް ވިދާޅުވި އެވެ.

މި ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން ބޭންކުތަކުންދޭ ޚިދުމަތްތަކަށް ކުރިމަތިނުލެވޭ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކާއި، ބޭންކުތަކުން އާންމުކޮށް ފައިނޭންސިން ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިންއެކެވެ. އަދި ޝަރީޢާ ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދެވޭ މި ފައިނޭންސިންގއާއެކު މުޖުމަތައަށް ބޭނުންވާ ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވެ، ރަސްމީ ބޭންކިންގ ދާއިރާއާ ދެމެދުގައިވާ ހުސްކަން ފޫބައްދައިދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މިއަންނަ ޖަނަވަރީ މަހު ބޭންކުގެ ޝަރީޢާ ކޮމްޕްލައިންޓް ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް އިން މި ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ.