ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރާ ރިޓާކޮށްފައި ތިބޭ ބޭފުޅުންނަށް، މަގާމުތަކުގައި ތިބޭ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ނުލިބޭ ގޮތް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
މި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިވަގުތު ތިއްބެވީ ސަލާމަތީ ބާރުތަކުގައި ހިދުމަތްކޮށް ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންނެވެ.
ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ ރިޓަޔާކޮށްފައިވާ ބޭފުޅުން މަގާމުތަކަށް އައްޔަންކުރަނީ ފަސްބައި ސާފު އަދި ނަޒާހަތްތެރި ސަރުކާރަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް ރިޓަޔާޑް ބޭފުޅުންނަށް، މަގާމުތަކުގައި ތިއްބަވާއިރު ވެސް ރިޓަޔާމެންޓް އެލަވަންސް ލިބެންމުންދާތީ ހަރަދު ބޮޑުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރާ ކަމަށާއި އެއީ ރަނގަޅު ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެކަން ބަދަލުކުރަން މިހާރު އަންގަވާފައިވާނެ ކަމަށާއި އަދި ސިވިލް ސާވިސް ކޮމިޝަނުން އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ.
"ސަރުކާރުގެ އަައްޔަންކުރާ އެއްވެސް މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އައްޔަންކޮށްފި ނަމަ ނޫނީ ރިޓަޔާޑް ބޭފުޅަކު އިންތިޚާބީ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ އެ މަގާމުގައި އެ ހޭދަ ކުރާ މުއްދަތުގެ ތެރޭގައި އެ ރިޓަޔާމެންޓަށް ލިބޭ އެލަވަންސް މެދުކެނޑޭ ގޮތަށް. އެހެންވީމަ ޑަބަލްކޮށް ނުލިބޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިކަމުގައި ރައްޔިތުން ފާޅުކުރި ކަންބޮޑުވުމަކީ އެމަނިކުފާނު ވެސް ބަލައިގަންނަ ކަންބޮޑުވުމެއް ކަމަށާއި މިކަން ހައްލުކުރާނީ ރައްޔިތުންގެ ހިޔާލާއެކު ކަމަށްވެސް ވިދާޅުވެފަ އެވެ.