ހިތުހުރި ގޮތަކަށް ސަރުކާރަށް ކަންކަން ކުރަން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މާލޭގެ ގަސްތައް ކަނޑާލަނީ ސަރުކާރުން ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ކަމުން ރެކިވަޑައިގަނެ، ހިތުހުރި ގޮތަކަށް ސަރުކާރަށް ކަންކަން ކުރަން ދޫކޮށްލެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވިއިރު މާލޭ އުތުރުފަރާތު ބަނދަރު ހެދުމުގެ ގޮތުން، އެ ސަރަހައްދުގެ ބާޒާރުމަތީގައި ހުރި ގަސްތައް ކަނޑަން ފެށުމުން އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ފާޅުކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި، މާލޭގެ ލޯކަލް މާރުކޭޓުން ފަށައިގެން، ނޯތު ހާބަރާ ހަމައަށް ޖުމްލަ 250 މީޓަރުގެ ސަރަހައްދެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.
ރައީސް މުއިއްޒު ވިލިމާލޭގައި މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ބައެއް ރައްޔިތުން ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަހެއް ކަނޑާލުމަށް އެދިފައި ވުމުން، އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ރައީސް ނިންމެވި ނިންމެވުމާ ގުޅިގެން ވެސް ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.