Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ކުށްކުރާ މުވައްޒަފުންނަށް ފުލުހުންގެ ތެރެއިން ޖާގައެއް ނޯންނާނެ

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން

ކުށްކުރާ މުވައްޒަފުންނަށް ފުލުހުންގެ ތެރެއިން ޖާގައެއް ނޯންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

ސީީޕީ މިހެން ވިދާޅުވީ ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) އެވެ.

މިމައްސަލައާ ގުޅިގެން ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާ އަތުގައި އޮތް ބެއާއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ފަސް ޕެކެޓް ފެނިފައިވެ އެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ނަވާޒް އަކީ ފުލުހެކެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ. ނަވާޒްއަކީ 2021 ވަނަ އަހަރު ފުލުހުންގެ 33 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 2022 ވަނަ އަހަރު ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވެފައިވާ ފުލުހެކެވެ.

މި މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ޖިނާއީ މިފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް އެ ހިދުމަތުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިފަދަ ކުށްކުރާ މުވައްޒަފުންނަށް އެ ހިދުމަތުން އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.