Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ބޯހިޔާވަހިކަމަކީ އިންތިހާބު ގާތްވުމުން ހައްލުކުރަން އޮތް ކަމެއް ނޫން

މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ އިހުލާސްތެރިކަމާއެކު ކަމަށާއި އެއީ ރިޔާސީ އިންތިހާބެއް ގާތްވުމުން ހައްލުކުރަން އޮތް ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރީގެ އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނުފަށާހާ އަވަހަށް މި ސަރުކާރުން އެފަދަ މަޝްރޫއުތައް ފަށާފައިވާ ކަމަށާއި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަން ސޮއިކޮށްފައިވާއިރު، މި މަސް ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފެށުމަށް ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބެއް އަންނަން ކައިރިވީމަ އެހެން ސަރުކާރުތަކުން ކަންކަން ކޮށްފައި އޮތް ގޮތަކަށް ނޫން. އިހުލާސްތެރިކަމާއެކު މި މައްސަލަ ހައްލުކުރުމަށްޓަކާ މިއަހަރު ނިމެންވާއިރަށް ސޮއިކޮށްގެން މި ސަރަހައްދުގައި ވެސް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުތައް ނިމިގެންދާއިރު މުޅި ރާއްޖޭގެ ވެސް ބޯހިޔާވަހިކަމަށް އޮންނާނީ ދާއިމީ ހައްލެއް އައިސްފައި ކަމަށެވެ. އަދި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދި، އެއަށް ގާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވި، މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްގީ ކުރުމަށް 20 އަހަރު ދުވަހުގެ މާސްޓަޕްލޭނެއް ހަދައި، ޖީޑީޕީ އާއި އަދި އެހެން ހުރިހާ ގޮތަކުންވެސް އެ ޕްލޭނާ އެއްގޮތަށް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރަމުން، ސަރުކާރުން ދަނީ ޑިފޯލްޓް ނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނިތައް އަދާކުރަމުންކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.