Last Updated: July 8, 21:12
Wednesday, July 8, 2026
ކުޅިވަރު

އެސްޓަންވިލާ އަށް ޖެހިޖެހިގެން 10 ވަނަ މޮޅު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދައި، އެސްޓަން ވިލާ އިން ޖެހިޖެހިގެން 10 މެޗުން މޮޅުވެއްޖެ އެވެ.

ޔުނައިޓެޑް އަތުން މި ހޯދި މޮޅާ އެކު ލީގުގެ ތިންވަނައިގައި ވިލާ މިހާރު އޮތީ 17 މެޗުން 36 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 17 މެޗުން 37 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު އެއްވަނައިގައި އާސެނަލް އޮތީ 17 މެޗުން 39 ޕޮއިންޓާ އެކު އެވެ.

ވިލާ ޕާކުގައި ކުޅުނު މި މެޗުގެ 45 ވަނަ މިނެޓްގައި މޯގަން ރޮޖާސްގެ ގޯލުން ވިލާއިން ވަނީ ލީޑު ނަގައިފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިލާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މަޓެއުސް ކުންޔާ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ވިލާއިން ދެވަނަ ހާފްގެ ކުރީކޮޅު އަލުން ލީޑު ނެގިއިރު، މި ގޯލުވެސް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮޖާސް އެވެ. މިއީ ޔުނައިޓެޑްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ރޮޖާސް ކާމިޔާބުކުރި ގޯލެކެވެ. ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދޭން ކުންޔާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

މި މެޗުން ބަލިވުމުން ޔުނައިޓެޑް މިހާރު އޮތީ 17 މެޗުން ލިބުނު 26 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގަ އެވެ. އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވީ ދެ މެޗުންނެވެ.