Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ސީއެފްއޯގެ މަގާމަަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޕެންޝަން އޮފީހަށް ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ކުރިން ދިން މުއްދަތު މި މަހުގެ 17 އަށް ހަމަވުމާ ގުޅިގެން ޕެންޝަން އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިހާރު މި މަހުގެ 31 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޕެންޝަން އޮފީހުން ބުނީ ސީއެފްއޯގެ މަގާމަށް މީހަކު ހޯދަނީ އެއް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މުއްދަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅު ނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެ ކަމަށާއި ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެ އެވެ.

ސީއެފްއޯގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އެކައުންޓިން ނުވަތަ ފައިނޭންސްގެ ރޮނގުން މާސްޓާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން، ނުވަތަ އެއާ އެއް ފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން ހިމެނެ އެވެ. އަދި އެކައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ.

ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވެސް ވާން ޖެހެ އެވެ.

ސީއެފްއޯގެ އަސާސީ މުސާރަ އާއި ޢިނާޔަތްތައް ހިމެނޭ ގޮތަށް މަހަކު ޖުމްލަ 50،000ރ. ލިބޭނެ އެވެ.

މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ އަންނަ މަހުގެ 4-15 އާ ދެމެދު އެވެ.