ނެޝަނަލް ޔޫތު ކޮންފަރެންސް މިއަދު ފަށައިފި އެވެ.
ޔޫތު ހަބްގައި ކިުރިއަށް ގެންދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. ރަސްމިއްޔާތުގައި މިނިސްޓްރީގެ އެހެން އިސްވެރިންނާއި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ވެސް ބައިވެރިވިއެވެ.
"ނޭޝަނަލް ޔޫތު ކޮންފެރެންސް" ނުވަތަ ޒުވާނުންގެ ޤައުމީ ކޮންފަރެންސަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.
ދެ ދުވަހުގެ މުއްދަތައް ބާއްވާ މިކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނަކު ބައިވެރިވެފައިވެ އެވެ.
މިއަހަރުގެ މިކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމެވެ. އަދި ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމާއި، ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށް ދިނުމަކީ ވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.
ކޮންފަރެންސްގައި ޖުމްލަ ހަ މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދާނެ އެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މާދަމާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެގަތުމަށް ހަމަޖެހިފައިވެ އެވެ.