Last Updated: June 6, 18:02
Saturday, June 6, 2026
މުނިފޫހިފިލުވުން

'ޕަރީ' ގެ ޓިކެޓް ވިއްކަން ފަށައިފި

އަންނަ އަހަރު ދިވެހި ސިނަމާ އަށް އަންނަ ފުރަތަމަ ފިލްމު "ޕަރީ: ޗެޕްޓާ 1" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

އަލީ ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ މި ބިރުވެރި ފިލްމު އޮލިމްޕަހުގައި ޕްރީމިއާ ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ.

ސްރީ ލަންކާގައި ދިރިއުޅޭ އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ދައްކުވައި ދޭނެ "ޕަރީ" ގެ ވަރަށް ބޮޑު ރޯލަކުން ކުޑަ އަންހެން ކުއްޖަކު ވެސް ފެންނާނެ އެވެ. މީގެ ކާސްޓްގައި އައިޝްތު ރިޝްމީ އާއި ޖުމައްޔިލް ނިމާލާއި ޝީލާ ނަޖީބްގެ އިތުރުން ލަންކާގެ ފަންނާނުންތަކެއް ވެސް ހިމެނެ އެވެ.

ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ ނޮވެމްބަރު މަހު އޮލިމްޕަހުގައި އެޅުވި ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އެވެ.

"ޕަރީ" އަންނަ މަހުގެ 7 ގައި އަޅުވަން ތައްޔާރުވަމުން އަންނަ އިރު، އެހެން ފިލްމެއް ވެސް އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވެ އެވެ. އެއީ މުޅިން އަލަށް ފީޗާ ފިލްމެއް ގެނެސްދޭ ސްޓާލިޓް ޕްރޮޑަކްޝަންސް އާއި ޝެފާޑް މޯލްޑިވްސްގެ "ދޯދި" އެވެ. އަންނަ މަހުގެ 28 ގައި ޕްރީމިއާ ކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ ޒުވާން ޑައިރެކްޓަރެއް ކަމަށްވާ މޮވަނު ޝަފީގްގެ ފުރަތަމަ ފީޗާ ފިލްމު ވެސް މެ އެވެ.

އޮލިމްޕަހަށް މި އަހަރު 9 ފިލްމު ގެނެސްފައިވާ އިރު، އެންމެ ފަހު ފިލްމަކީ މި މަހުގެ 1-19 އަށް ޝޯތައް ދެއްކި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "އަލްވަދާއު" އެވެ.

އެ ފިލްމަށް ފަހު އަނެއްކާ ވެސް ނޮވެމްބަރުގައި އެޅުވި "ލިލީ" ގެ ޝޯތައް ރެއިން ފެށިގެން އޮލިމްޕަހުގައި މި މަހުގެ 24 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.