ދާދި ފަހުން ވުޖޫދަށް އައި ޒަކާތު ގާނޫގެ ދަށުން އުފައްދާ ޒަކާތު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާން މޯލްޑުވްސް ޒަކާތު ހައުސް އިން ހުޅުވާލައިފި އެވެ.
އެގޮތުން ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ، ޒަކާތު މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލަށް ކަނޑައަޅަން ޖެހޭ ދެ މެންބަރުގެ މަގާމަށް ވަނީ ހުޅުވާލައިފަ އެވެ.
ޒަކާތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ.
ގާނޫނުގައިވާ ގޮތުން ޒަކާތު ކައުންސިލް އެކުލެވެނީ 9ވަ މެންބަރުންގެ މައްޗަށެވެ.
އެގޮތުން ޒަކާތު ކައުންސިލްގެ މެންބަރު ކަމަށް ހުޅުވާލީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ، ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރު ކަމަށެވެ. އެ ދެ މެންބަރުން ކައުންސިލަށް އައްޔަން ކުރާނީ އާންމުކޮށް އިއުލާނުކުރުމުން އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ޒަކާތުގެ މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލް ތަމްސީލުކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯއިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތައުލީމު ހާސިލުލުކޮށްފައިވުން އަދި ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
މެންބަރު ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 އާ ހަމައަށެވެ. ސުންގަޑި ހަމަވާނީ އެ ދުވަހުގެ މެންދުރު ފަހު 2:00 އަށެވެ.
ރާއްޖޭގައި ޒަކާތުގެ ނިޒާމި ހަރުދަނާ ކުރަން ޒަކާތު ހައުސް ރަސްމީކޮށް އިފުތިތާހުކުރީ ޖެނުއަރީ 2، 2024 ގަ އެވެ.